ދުނިޔޭގެ ވެރިންގެ ފެންވަރައި ޔުނައިޓެޑް އަރަބި އެމިރޭޓްސްގެ އަބޫދާބީގައި ކުރިއަށް ދިޔަ ސަމިޓަށް ވަޑައިގެން އެގައުމުގައި އިންޑިއާގެ ބޮޑު ފައްޅިއަކާއި ބޮޑު ބާޒާރެއް މޯދީ ހުޅުވައިދެއްވައިފިއެވެ.
27 އޭކަރުގެ ބޮޑު ސަރަހައްދެއްގައި އަބޫދާބީގެ ސަހަރާގައި ހެދި "ބަޕްސް ހިންދޫ މަންދިރް" ބޮޑުވަޒީރު ނަރެންދްރަ މޯދީ ހުޅުވައިދެއްވި އިރު މިއީ މުޅި މެދުއިރުމަތީގައި ވެސް ހުންނަ އެންމެ އބޮޑު ހިންދޫ ފައްޅިއެވެ.
ޔޫއޭއީގެ ރައީސް ޝައިހް މުހައްމަދު ބިން ޒައިދު އަލް ނަހްޔާން އިސްތިބާލު ކުރެއްވި ރަސްމިއްޔާތުގައި މޯދީ ފައްޅި ހުޅުވައިދެއްވި އިރު, އިންޑިއާގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން 100,000 އަކަފޫޓުގެ ސަރަހައްދެއްގައި ހެދި "ބާރަތް މާޓް" ]ވިޔަފާރި މަރުކަޒު[ ވެސް މޯދީ ވަނީ ހުޅުވައިދެއްވާފައެވެ.
އިންޑިއާއާ އެކު ގާތް ގުޅުމެއް ޔޫއޭއިން ބާއްވަމުން އަންނަ އިރު މި ފެށިގެން ދިޔައީ މުޅިން އާބާބެއްގެ ބިންގާ ކަމަށް އިންޑިއާގެ މީޑިއާތަކުގައި ސިފަކޮށްފައި ވެއެވެ.
މި ފައްޅި އާއި ވިޔަފާރި މަރުކަޒަކީ ހިންދޫންނާއި އިންޑިއާގެ ރައްޔިތުންނަށް ހާއްސަ ތަންތަން ކަމަށް ވާއިރު ބާރަތް މާޓު ވެސް ހާއްސަ ކޮށްފައި ވަނީ އިންޑިއާގެ ވިޔަފާރިވެރިން, އިންޑިއާއިން މުދާ އެތެރެކޮށް ވިއްކާ, އަދި ދުބާއީން އިންޑިއާ އަށް ފޮނުވަން ބޭނުންވާ މުދާ ފޮނުވާ, ބަލައިގަނެ ހަދާ މަރުކަޒެއްގެ ގޮތުގައެވެ.
9 މިލިއަންގެ އާބަދީއެއް އޮންނަ ޔޫއޭއީގައި 3.5 މިލިއަން އިންޑިއާ ރައްޔިތުން ދިރިއުޅެއެވެ. މިއީ އިންޑިއާ ނަގާފައި ގައުމުން ބޭރުގައި މިހާބޮޑު އާބާދީއެއް އޮންނަ ގައުމެވެ.
ޔޫއޭއީއަކީ އިންޑިއާގެ ގިނަ ބިލިއަނަރުން އިންވެސްޓް ކުރާ ގައުމަކަށް ވާއިރު, މުކޭޝް އަމްބާނީ އާއި ގޯތަމް އަދާނީ ފަދަ މީހުންގެ އިންވެސްޓްމަންޓުތައް އަބޫދާބީގައި އެބަހުއްޓެވެ.
ދެގައުމުގެ މި ގުޅުން ވަރުގަދަ ވުމާއެކު, އިންޑިއާއިން އަމިއްލަ ގައުމުގައި މުސްލިމުންނާ މެދު އަމަލު ކުރާ އިހާނެތި ގޮތްތަކާ ބެހޭ ގޮތުން ޔޫއޭއިން ބަހެއް ނުކިޔައެވެ. އޭގެ ބަދަލުގައި އެގައުމުންވެސް ބަލަނީ އިންޑިއާ އާއެކު ގުޅުން ވަރުގަދަ ކޮށް ވިޔަފާރި އާއި ސިޔާސީ ގޮތުން ދުނިޔޭގެ ފެންވަރުގައި ބަސްބުނާ ގައުމަކަށް ވުމަށެވެ.
ކީކޭ ދެންބުނާނީ ދުލުން ކުޅުހިކިއްޖެ