2022 ގައި އިމްރާންހާންގެ ވެރިކަން ވައްޓާލި ޕީއެމްއެލް-އެން އާއި ޕީޕީޕީ ޕާޓީ ގުޅި އާ ސަރުކާރު އުފައްދަން އެއްބަސް ވެއްޖެއެވެ.
ޕީއެމްއެލް-އެން ގެ ބާނީ ކުރީގެ ބޮޑުވަޒީރާއި ޕީޕީޕީގެ ބާނީ ބިލާވަލް ބުއްޓޫ މިކަމަށް އެއްބަސްވެ ވަޑައިގަތީ، ނިމިދިޔަ ޕާކިސްތާންގެ އާންމު އިންތިހާބުގައި ސަރުކާރެއް އެކުލަވާލާ ވަރަށް އެއްވެސް ޕާޓީއަކަށް ގޮނޑި ލިބިފައި ނުވާތީ ކޯލިޝަނެއް ހަދަން ޖެހޭތީއެވެ.
އިންތިހާބުގައި އެންމެ ގިނަ ގޮނޑި ހޯދީ އިމްރާންހާންގެ ޕާޓީއަށް ނިސްބަތް ވާ ކެންޑިޑޭޓުން ކަމަށް ވިޔަސް، އިންތިހާބުގައި އެ ޕާޓީ ތަމްސީލު ކުރުމުން އިންތިހާބާ ބެހޭ ކޮމިޝަނުން މަނާ ކުރުމުން ހޮވުނު ކެންޑިޑޭޓުން ހޮވިފައި ވަނީ އަމިއްލަ ހައިސިއްޔަތުގައެވެ. އެހެން ކަމުން ކޯލިޝަނެއް ހަދަން އިމްރާންގެ ޕާޓީއަކަށް ޖާގައެއް ނެތެވެ.
ކޯލިޝަނަށް ފަހު ޕީޕީޕީގެ ލިޑަރު އާސިފް އަލި ޒަރްދާދީ ވިދާޅުވީ، އިންތިހާބުގައި ޕީއެމްއެލް-އެން އާ ވާދަ ކުރިނަމަވެސް އެއީ އަބަދު އޮންނަން ޖެހޭ ހާލަތު ނޫން ކަމަށާއި އެހެން ކަމުން ދެޕާޓީ ގުޅިގެން ކުރިއަށް ދާން އެއްބަސް ވެފައި ވާ ކަމަށެވެ.
އިންތިހާބުގެ 226 ގޮނޑީގެ ތެރެއިން އިމްރާންގެ ޕީޓީއައި ޕާޓީން 93 ގޮނޑި ކާމިޔާބު ކުރިއެވެ. ޕީއެމްއެލް-އެން އަށް ލިބުނީ 75 ގޮނޑިއެވެ. ޕީޕީޕީ އަށް 54 ގޮނޑިއެވެ. މީގެ އިތުރުން އަންހެނުންނަށާއި މުސްލިމް ނޫން ފަރާތްތައް ތަމްސީލު ކުރާ ޕާޓީތަކަށް 70 ގޮނޑި ކަނޑައަޅާފައި ވާ އިރު މިއީ މިނިވަން ކެންޑިޑޭޓުންނަށް ވާދަކުރެވޭ ގޮނޑިތަކެއް ނޫނެވެ.
ޕީއެމްއެލް-އެން ގެ އޮފިޝަލް މައްރިޔަމް އައުރަންގްޒެބް ބުނެފައި ވަނީ، އަލަށް އުފެއްދި ކޯލިޝަނާއެކު ބޮޑުވަޒީރަކު އައްޔަން ކުރުމުގެ ފުރުސަތު އެ ޕާޓީއަށް ލިބިފައި ވާ ކަމަށާއި ނަވާޒު ޝަރީފު ބޭނުންފުޅުވަނީ ބޮޑުވަޒީރަކަށް ނިމިދިޔަ ސަރުކާރުގައިވެސް ބޮޑުވަޒީރުކަން ކުރެއްވި އޭނާގެ ކޮއްކޮ ޝާހްބާޒް ޝަރީފް ހަމަޖައްސަވަން ކަމަށެވެ.
ޕީޕީޕީގެ ލީޑަރު ބިލާވަލް ބުއްޓޫ ވިދާޅުވީ، ނަޥާޒު ޝަރީފުގެ ޕާޓީން ބޮޑުވަޒީރު އައްޔަން ކުރަން އޭނާ އެހީވެ ދެއްވާނެ ކަމަށާއި އޭނާގެ ޕާޓީން ކެބިނެޓުގެ މަގާމެއްވެސް ބޭނުން ނުވާ ކަމަށެވެ.
އިމްރާންހާންގެ ޕާޓީން ގަބޫލު ކުރާ ގޮތުގައި އިންތިހާބުގެ ނަތީޖާ ވަނީ ބޮޑުތަނުން އޮޅުވާލާފައެވެ. އެގޮތުން ވޯޓު ގިނަމުން ދިޔަ އިރު ބޮޑުތަނުން ދަށުގައި އޮތް ނަވާޒު ޝަރީފުގެ ޕާޓިއަށް ކުއްލިއަކަށް ގޮނޑިތައް ގިނަވެގެން ދިޔުމާއި ބައެއް މަރުކަޒުތަކުގައި ވޯޓު ކަރުދާސްތައް އުކާލުމާއި، ވޯޓު ގުނާތަނަށް ސިފައިންނާއި އާންމުން ގަދަކަމުން ވަދެ ހާޖާނު ހެދުން ފަދަ ކިތަންމެ ކަމެއް ކޮށްފައި ވާ ކަމަށެވެ. އެހެން ކަމުން އެޕާޓީން ބުނެފައި ވަނީ ދައުވާ ކުރާނެ ކަމަށެވެ.
އެ ޕާޓީން ބުނީ، ރޯމާ ދުވާލު ކޮށްފައި ވާ އެބަދަ ވައްކަންތަކަކީ އާންމު އެތައް ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން ގައުމު މިހާރުވެސް ވެއްޓިފައިވާ އިގްތިސޯދީ އަނދަވަޅަށް އިތުުރަށް ވެއްޓިގެން ދާނެ ކަމެއް ކަމަށެވެ.