ސ. ހުޅުދޫ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ފޯމް ހުށަހަޅުއްވައިފިއެވެ.

ޝަރީފް، މިއަދު ފޯމު ހުށަހަޅުއްވާފައިވާ ވާ އިރު އޭނާ އެދިވަޑައިގަންނަވަނީ ދާއިރާގެ ރައްޔިތުންގެ ތާއީދަށެވެ.

އޭނާ ވިދާޅުވީ ދާއިރާއަށް ފަހި ބަދަލެއް ގެނެސްދެއްވާނެ ކަމަށާއި، ދެން އޮތީ ވޯޓު ހޯއްދެވުމުގެ މަސައްކަތް ކުރުން ކަމަށެވެ.

އިންތިހާބުގައި ވާދަކުރަން ގިނަބަޔަކު ފޯމް ލަމުން ދާއިރު، އިލެކްޝަނަށް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ އިއްޔެ އެކަނިވެސް ޖުމްލަ 115 ފޯމް ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 183 ފަރާތަކުން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހަޅާފައިވާ ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.

ނަމަވެސް މިހާތަނަށް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އީސީން ނިންމާފައި ނުވާއިރު އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާބަށް ކުރިމަތިލުމަށް އިތުރު މުއްދަތެއް ނުދޭނެ ކަމަށް މީގެ ކުރިން ހަބީބު ވަނީ ވިދާޅުވެފައެވެ.