ތިލަދުންމަތީގެ ދެ ރަސެއް ކަމުގައިވާ ހއ. ފިއްލަދޫ އަދި ހދ. ކުރިނބީގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުންގެ ހިދުމަތް ދޭން ފަށައިފިއެވެ.
މި ދެ ރަށުގެ ތެރެއިން ކުރިނބީ ޕޮލިސް ޕޯސްޓު ހުޅުވުމަށް މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ކުރިނބީ ކައުންސިލު ރައީސް އަބްދުﷲ އަސްލަމްއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނާ އޮފް ޕޮލިސް ވިދާޅުވީ، ރަށުގައި އަލަށް ތައާރަފުވެގެންދާ ކުށްތަކާއި ސައިބާ ސްކޭމްގެ މައްސަލަތަކާއި ގެވެށި އަނިޔާ އަދި ކުޑަކުދިންނަށް އިހުމާލުވުމުން ފަދަ ކުށްތައް ހުއްޓުވުމަށާއި މަސްތުވާތަކެތީގެ މައްސަލަތަކުން ރައްޔިތުން ރައްކާތެރިކުރުވައި ހޭލުންތެރިކުރުމަށް ފުލުހުން ގާއިމުވެތިބުމުން އިތުރު ބާރަކަށް ވެގެންދާނެ ކަމަށެވެ.
ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވުމަށް އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ފިއްލަދޫ ކައުންސިލު ރައީސް ފަތުހުﷲ ހަސަންއެވެ.
ފިއްލަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ޝިޖާއު ވިދާޅުވީ، ފިއްލަދޫއަކީ އަހުވަންތަ ކުށްމަދު އަމާން މުޖުތަމައެއްގެ ވެރި ބައެއް ދިރިއުޅެމުންދާ ރަށެއް ގޮތުގައި ފާހަގަ ކުރެވޭ ކަމަށެވެ. އަދި އެ ރަށުގައި ފުލުހުން ގާއިމުވެ ތިބޭ ހިނދު އެ ރަށަކީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ކުށް މަދު އަމާން ވެއްޓެއް ގާއިމުވެފައިވާ ރަށެއްގެ ގޮތުގައި ބާއްވައި ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ރައްޔިތުން ކުރާ ކަންކަމުގައި ބައިވެރިވެ ރައްޔިތުންގެ ކަންބޮޑުވުމަކީ ފުލުހުންގެ ވެސް ކަންބޮޑުވުމެއް ކަމުގައި ދެކިގެން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރުމަށް ސުޖާއު ވަނީ ފުލުހުންނަށް އިލްތިމާސްކުރައްވާފައެވެ.
ކުރިނބި އަދި ފިއްލަދޫގައި ޕޮލިސް ޕޮލިސް ޕޯސްޓު ހުޅުވުމަށްފަހު ޕޮލިސް ޕޯސްޓުގައި ގައުމީ ދިދަ އާއި ފުލުހުންގެ ދިދަ ވަނީ ނަގާފައެވެ. ޕޮލިސް ޕޯސްޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި، ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން އެ ރަށްރަށުގެ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި އެހެނިހެން އިދާރާތަކުގެ މުވައްޒަފުން ބައިވެރިވިއެވެ..