2024 ވަނަ އަހަރުގެ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލިސް އެކުލަވާލާފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހަކީ، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 2-33 ވަނަ މާއްދާގެ (ވ) އިން އެ ޑިޕާޓްމަންޓަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން އެކުލަވާލަފައިވާ މަޖިލީހެކެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުގެ ގަވާއިދުގެ 4 ވަނަ މާއްދާއާއި ހަވާލާދީ ޑީޖޭއޭ އިން ބުނީ ި މަޖިލިސް އެކުލެވިގެންވަނީ 3 ފަނޑިޔާރުންގެ މައްޗަށެވެ. އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އުއްތަމަފަނޑިޔާރާ، ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި އެ ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ހިމެނޭ ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރަކާއި އަދި ސުޕީރިއަ ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ގޮތުގައި ނުހިމެނޭ ފަނޑިޔާރެކެވެ.

މި އަހަރުގެ މަޖިލީހުގައި ހިމެނެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑޮކްޓަރ މުހައްމަދު އިބްރާހީމް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ސަލީމް އަދި ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛު ހުސައިން ފާއިޒް ރަޝާދުއެވެ.

ފަނޑިޔާރަކާގުޅޭ ޝަކުވާއެއް ބަލައި، ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމާ ނިންމުންތަކުގެ ތެރެއިން ފަނޑިޔާރަކު މަގާމުން ވަކިކުރަން ރައްޔިތުން މަޖިލީހަށް ހުށަހެޅުމަށް ނިންމާ ނިންމުންތައް ފިޔަވައި، އެނޫން ނިންމުންތައް އިސްތިއުނާފު ކުރުމަށްޓަކައި ހުށަހެޅަން ޖެހޭނީ މި މަޖިލީހަށެވެ.