މިއަދު އިމާރާތުގެ މަތިން ވެއްޓުނު މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗާ ހަވާލާދީ ފުލުހުން ބުނެފިއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ ޗާންދަނީ މަގުގައި ހުރި އިމާރާތެއްގެ މަތިން މީހަކު ވެއްޓިފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ ވެއްޓިފައިވަނީ އިމާރާތުގެ 9 ވަނަ ފަންގިފިލައިން ސިޑި ގޮޅިން އެންމެ ތިރިއަށް ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށެވެ. އަދި އެއީ އިންޑިއާގެ 20 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހާގެ ހާލު ސީރިއަސް ކަމަށް އައިޖީއެމްއެޗްއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ވެއްޓިފައި ވަނީ ޗާންދަނީ މަގު "ބިގްމޭން" ހުންނަ އިމާރާތުގެ 9 ވަނަ ފަންގިފިލާއިންނެވެ. އަދި އެ މީހާއަކީ އޭސީގެ މަސައްކަތްކުރަން އުޅުނު މީހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މީގެ ކުރިންވެސް މާލޭގެ އުސް އިމާރާތްތަކުގެ މަތިން ވެއްޓި ކުޑަކުދިންނާއި މީހުންގެ ފުރާނަ ގެއްލިފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި ހުޅުމާލެ އިމާރާތެއްގެ މަތިން ވެއްޓި 4 އަހަރުގެ ކުއްޖަކު ނިޔާވެފައިވާއިރު ހުޅުމާލެ ފޭސް 2 ގެ ހިޔާ ޓަވަރުގެ 12 ވަނަ ފަންގިފިލާއިން ވެއްޓުނު 15 އަހަރުގެ ކުއްޖަކުވެސް ވަނީ ނިޔާވެފައެވެ.