ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް މިހާތަނަށް 183 މީހަކު ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީގެ ނައިބު، އިސްމާއިލް ހަބީބް އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެ އެކަނިވެސް ޖުމްލަ 115 ފޯމް ހުށަހަޅާފައިވާ ކަމަށާއި މިހާތަނަށް ޖުމްލަ 183 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މާދަމާގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ހަމަޖައްސާފައި ވީނަމަވެސް މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން ރައްޔިތުން މަޖިލީހުން ވަނީ ދާދިފަހުން ފާސްކޮށްފައެވެ.

އެ އިސްލާހު ހުށަހަޅާފައިވަނީ އެކަމާ ގޫޅޭ ގޮތުން އެމްޑީޕީ ޕީޖީއާއެކު މަޝްވަރާކުރުމަށްފަހު އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުއެވެ. އަދި އެ އިސްލާހު މަޖިލީހުން ބަލައިގަނެ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކަށް ވަނީ ފޮނުވާލާފައެވެ. އަދި އެ އިސްލާހު އެ ކޮމިޓީގެ 5 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާ އަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ އެ ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް ރޯދަ މަހުގެ ދުވަހެއްގައި އިންތިހާބެއް ބާއްވާއިގެން ނުވާނެ ކަމަށެވެ. އަދި އިންތިހާބު ބާއްވަންޖެހޭ ތާރީހު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިހާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް ވެސް ވަނީ ބުނެފައެވެ.

ނަމަވެސް މިހާތަނަށް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އީސީން ނިންމާފައިނުވާއިރު އިންތިހާބުގެ ތާރީހަށް ބަދަލެއް އަޔަސް، އިންތިހާބަށް ކުރިމަތިލުމަށް އިތުރު މުއްދަތެއް ނުދޭނެ ކަމަށް ހަބީބް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.