ރައީސުލްޖުމްހުރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރެވޭގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންގޮސްފައިވާއިރު ގަވާއިދަށް އެ ބަދަލު ގެންނަން ހޯރަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމެވެ.

ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާ ވާހަކަ ދައްކަވަމުން ސަލީމް ވިދާޅުވީ، ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ސުވާލުކުރުމުގެ ކަންކަން ހިމަނާފައި އޮންނަނީ މަޖިލިސް ހިންގާ ގަވާއިދުގައި ކަމަށާއި އެކަމަށް ވަކި ގާނޫނެއް ނޯންނަ ކަމަށެވެ.

އަދި ގާނޫނުއަސާސީގައި ބަޔާންކުރަނީ، ވެރިކަންހިންގުމުގެ ބާރުގެ ފަރާތުން ކުރާކަންކަން ރައްޔިތުންގެ މަޖިލީހުން ބަލާ ޖަވާބުދާރީ ކުރުވުން ކަމަށާއި މިހާރު އުވާލަން ހުށަހަޅާފައިވާ ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނުގައި ބަޔާންކުރަނީ ހަމައެކަނި ވަޒީރުންގެ ވާހަކަ ކަމަށާއި އެހެންކަމުން ވެރިކަން ހިންގުމުގެ ބާރު ޖަވާބުދާރީ ކުރުވުމަށް ބޮޑެތި ހުރަސްތަކެއް އެބަހުރި ކަމަށް ސަލީމް ވިދާޅުވިއެވެ.

އަދި ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ހަމައެކަނި ވަޒީރުންގެ މައްޗަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ. ވަޒީރުންގެ މަޖިލީހުގެ އެންމެ އިސް ދެ ބޭފުޅުންނަކީ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"ވަޒީރުންގެ މަޖިލީހަކީ ހަމައެކަނި ވަޒީރުންނެއް ނޫން، ވަޒީރުންގެ މަޖިލީހުގައި (ކެބިނެޓުގައި) އެންމެ އިސް ދެ ބޭފުޅުންނަކީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނައިބު،"
ހޯރަފުށި ދާއިރާގެ އެމްޑީޕީ މެންބަރު އަހުމަދު ސަލީމެ

ސަލީމް ވިދާޅުވީ ރައީސް ނުވަަތަ ނައިބުރައީސް ޖަވާބުދާރީވާންޖެހޭނެ ވަރަށް ހާއްސަ ހާލަތުތައް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންނަމަވެސް އެކަމާ ގުޅޭ އިޖުރާއަތުތައް މަޖިލީހުގައި ކަނޑައެޅިފައި ނެތުމުން މަސްއޫލިއްޔަތު އަދާކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންކަމުން އެ އިޖުރާއަތުތައް މަޖިލީހުގެ ގަވައިދުގައި ހިމަނަންޖެހޭ ކަމަށާއި އަދި އެއީ ލާޒިމު ކަމެއްކަމަށް ދެކޭކަމަށް އޭނާ ވިދާޅުވިއެވެ.

ކުރީގެ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްވަރު އޭރު މަޖިލީހުގެ އިދިކޮޅު މެންބަރުން ވަނީ، ކަނޑު ވިއްކާލިކަމަށް ބުނާ މައްސަލައިގައި ރައިސް ސޯލިހް މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅާފައެއެވެ. ނަމަވެސް އެ ހުށަހެޅުމަށް އޭރު ވެރިކަން ކުރި އަދި އެމްޑީޕީ މެޖޯރިޓީ އޮތް މަޖިލީހުން ވަކި ގޮތެއް ނިންމާފައި ނުވާކަން ފާހަގަކޮށްލެވެއެވެ.