ސެލޫނާއި ސްޕާގެ ނަމުގައި ހަށިވިއްކާ 111 ތަނެއް މާލެ ސަރަހައްދުގައި ހުރި ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު، އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

އިހުސާން މިފަދައިން ވިދާޅުވެފައި ވަނީ މިއަދު އެ މިނިސްޓްރީން ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސެލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކޮށް އިހުސާން ވިދާޅުވީ، އެފަދަ ކަންކަމުގައި ރާއްޖެއިން ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން އެތެރެކޮށް، ބޭނުން ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.

އަދި އެ ތަންތަނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެފަދަ މީހުން ދެނެގަނެ، ވަގުތުން ޑީޕޯޓު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

"ހަށިވިއްކުމަށްޓަކާ ޓޫރިސްޓް ވިސާގަ މީހުން އެތެރެކޮށް ބޭނުން ކުރޭ. އެފަދަ މީހުން ވަގުތުން ޑީޕޯޓުކުރުމުގެ މަސައްކަތް މި ވުޒާރާއިން އަންނަނީ ކުރަމުން،" އިހުސާން ވިދާޅުވިއެވެ.

މާލޭގައި މަސާޖު ޕާލާތަކުގައި ހަށިވިއްކާ މައްސަލަ މީގެ ކުރިން ފެންމަތިވެ އެ ތަންތަނުން ފުލުހުންގެ ބެލުމުގެ ދަށަށް މީހުންވެސް ވަނީ ގެންގޮސްފައެވެ. މިފަދަ އަމަލުތައް ހިންގުމުގައި ދިވެހިންނާއި ބިދޭސީންވެސް އުޅޭ ކަން ފާހަގަކޮށްލެވެއެވެ.