އިމާމުންނާއި ހަތީބުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއުގެ ފުރަތަމަ ބުރު ގއ. ގެމަނަފުށީގައި ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިޕްރޮގްރާމްގެ ފުރަތަމަ ބުރުގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެފައިވާ ކަމަށެވެ. މި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 4 ދުވަހަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމުގައި ޖުމްލަ 9 މާއްދާއެއް ކިޔަވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ގުރްއާނާއި ތަޖުވީދުގެ އިލްމާއި ތަފްސީރާއި ފިގުހާއި ހަދީޘާއި އަގީދާގެ އިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު އިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަހްސިއްޔަތު ބިނާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުމެވެ.