ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހިމެނޭހެން 68 މީހަކު މިހާތަނަށް ފޯމު ހުށަހަޅައިފިއެވެ.
މިއަދުގެ ނިޔަލަށް 68 މީހަކު ފޯމު ހުށަހެޅި ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވަނީ "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ މަހުގެ 30 އިން މި އަންނަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.
އެ އިންތިހާބުގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވަން މިއަދު އަދުރޭ ވަނީ ފޯމު ހުށަހަޅުއްވާފައެވެ. މީގެ ކުރިންވެސް އަދުރޭ ވަނީ ފޮނަދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. ދެ ދައުރެއް ފުރިހަމަ ކުރައްވާ، ތިންވަނަ ދައުރަކަށް ކުރިމަތިލެއްވި ނަމަވެސް އޭނާ އިންތިހާބުވެފައި ނުވެއެވެ. މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރުކަމަށް ހޮވިވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައި އެ މަގާމަށް ވާދަ ކުރެއްވި މޫސާ ސިރާޖެވެ.
ނަމަވެސް ނިމިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި ސިރާޖު ވަނީ އެމްޑީޕީ ދޫކޮށް ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. ސިރާޖަކީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ކޮމިޝަނުން ކަނޑައަޅާފައިވަނީ މާޗް މަހުގެ 17 ވަނަ ދުވަސްކަން ފާހަގަ ކުރައްވާ ހަބީބް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ގެނެވޭ ބަދަލަކުން، އިންތިހާބުގެ ތާރީހަށް ބަދަލެއް ގެނައުމަށް ލާޒިމް ވެއްޖެ ހިނދެއްގައި، އެކަން އެގޮތަށް ވުމުގެ ފުރުސަތު އޮތް ކަމަށެވެ.
އެގޮތުން އީސީއިން އަމަލުކުރަނީ ގާނޫނުގައިވާ ގޮތުގެމަތިން ކަމަށާއި ގާނޫނަށް ގެނެވޭ ބަދަލަކުން އިންތިހާބު ބާއްވާ ތާރީހް ފަސްކުރަން ޖެހިއްޖެނަމަ، އީސީ އޮންނާނީ އެކަމަށް ތައްޔާރުވެގެން ކަމަށް ވެސް ހަބީބް ވަނީ ވިދާޅުވެފައެވެ.