ރާއްޖެއަށް ފަތުރުވެރިން އައުން އިތުރުވަމުން އަންނަ އިރު ރާއްޖެއަށް ފަތުރުވެރިން އައުމުގެ ރިކޯޑެއް މުގުރާލައިފިއެވެ.

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިއްޔެއަކީ 10،213 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށް އާ ރެކޯޑެއް ހަދާ ދުވަހެއް ކަމަށެވެ. އެއް ދުވަސް މަތިން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރި ދުވަހުގެ ރެކޯޑް މުގުރާލާފައިވާ އިރު މިނިސްޓަރު ވަނީ މި ކާމިޔާބީ ފާހަގަ ކުރައްވައި ސިނާއަތުގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.

މިއަދަދާ އެކު މިހާތަނަށް ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު މި ވަނީ، 269،588 އަށް އަރާފައެވެ. މީގެ ތެރޭގައި ޖެނުއަރީ މަހު ރާއްޖެ އައި 192،385 ފަތުރުވެރިންނާއި ފެބްރުއަރީ މަހުގެ ފުރަތަމަ 10 ދުވަސް ތެރޭ ރާއްޖެއަށް އައި 77،203 ފަތުރުވެރިން ހިމެނެއެވެ.

މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު މިއަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެއަށް އައީ ވަނީ، 231،526 ފަތުރުވެރިންނެވެ.

މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައި ވަނީ ޗައިނާއިންނެވެ. އެގައުމުން 35،654 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ ދެވަނައިގައި އޮތީ، 26،259 ފަތުރުވެރިންނާއެކު އިޓަލީއެވެ. އަދި ރަޝިއާ ވަނީ 25،838 ފަތުރުވެރިންނަ އެކު އެ ލިސްޓުގެ ތިން ވަނައިގައެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 61،586 އެނދު ހުރިއިރު އޭގެތެރޭގައި 175 ރިސޯޓުގައި ހުރި 43،123 އެނދު، 831 ހޮޓާ އަދި ގެސްޓްހައުސްގައި 15،763 އެނދު އަދި 140 ސަފާރީ އުޅަނދުފަހަރުގައި ހުރި 2700 އެނދު ހިމެނެއެވެ.

އިއްޔެ 10،213 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މި މަހުގެ އެހެން ދުވަސްތަކުގެ ހިސާބުތަކަށް ބަލާއިރު، އާންމުގޮތެއްގައި މި މަހު ފަތުރުވެރިން އައިސްފައި ވަނީ ދުވާލެއްގެ މައްޗަށް 6500 އާއި 8900 އާ ދެމެދުގެ އަދަދަކަށެވެ. އެންމެ ފަހުން މި ރެކޯޑް މުގުރާލައި ވަނީ 8028 ފަތުރުވެރިން ރާއްޖެއަށް އެއް ދުވަހެއްގައި ޒިޔާރަތްކޮށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޒެގައެވެ.

އިއްޔެ އައި ފަތުރުވެރިންނާއެކު ކުއްލިއަކަށް އެ އަދަދު މައްޗަށް ގޮސްފައި ވަނީ ކުރިއަށް އޮތް ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާ ދިމާކޮށް ރާއްޖެއަށް ޗުއްޓީ ހޭދަކުރަން އަންނަ ފަތުރުވެރިން ގިނަވަމުން ދާތީ ކަމަށް ބެލެވެއެވެ. ހަނީމޫން ޑެސްޓިނޭޝަންއެއްގެ ގޮތުގައި އެންމެ ކަމުދާ މަންޒިލަކަށް ގިނަ ފަތުރުވެރިން ރާއްޖެ ސިފަ ކުރާ އިރު، ކޮންމެ އަހަރެއްގެ ވެސް އާއަހަރާއި، ވެލަންޓައިންސް ޑޭ އާއި، ކްރިސްޓްމަސް ދުވަސް ވަރަކީ އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް އަންނަ ދުވަސްވަރެވެ. އެހެންކަމުން ކުރިއަށް އޮތް ދެތިން ދުވަހު ވެސް ފަތުރުވެރިން އަންނަ މިންވަރު މައްޗަށް ދިޔުން އެކަށީގެން ވެއެވެ.