ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތް ކަނޑައަޅާނީ މެންބަރުންކަމަށާ ރައްޔިތުންގެ މަޖިލީސް ހިންގަންވީ ގޮތް އެންގުމުގެ ބާރު ސުޕްރީމް ކޯޓަށް ވެސް ލިބިގެންނުވާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ޖުމްލަ މެންބަރުން ގުނާއިރު އިސްތިއުފާ ދީފައިވާ މެންބަރުން ނުގުނާގޮތަށް މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހަށް އަމަލުކުރުން މަޑުޖައްސައިލުމަށް ސުޕްރީމް ކޯޓުން ނެރުނު ވަގުތާ އަމުރާ ގުޅިގެން މިއަދު އަސްލަމް ވިދާޅުވީ ކޯޓުން މަޖިލީހުގެ މައްޗަށް މި އަމުރު ނެރުއްވާފައިވީ ނަމަވެސް އެ މައްސަލައިގައި ހިމެނޭ ގަވާއިދަކީ ގާނޫނު އަސާސީއާ ހިލާފު ގަވާއިދެއްތޯ ކަނޑައަޅާފައިނުވާ ކަމަށެވެ.

މި މައްސަލައިގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް މެންބަރުންނަށް އެއްގަޑިއިރު ދެއްވަމުން އަސްލަމް ވިދާޅުވީ މަޖިލިސް ހިންގަން ޖެހޭނެ ގޮތުގެ އެއްވެސް އިރުޝާދެއް، ނުވަތަ ލަފައެއް އިތުރު އެހެން އެއްވެސް ބަޔަކަށް ދެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ. ރައްޔިތުންގެ މަޖިލިސް ހިންގާނެ ގޮތް ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށާއި އެއީ ގާނޫނު އަސާސީން ވަރަށް ސާފުކޮށް ރައްޔިތުންގެ މައްޗަށް ލިބިދީފައިވާ ބާރެއްކަން ފާހަގަކުރައްވަމުން އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިންގަންވީ ގޮތް ކަނޑައަޅުމަށް އިތުރު އެހެން އިދާރާއަކަށް ނުވަތަ މުވައްސަަސާއެއްގެ މައްޗަށް ބަސް ބުނުމުގެ ބާރެއް ނެތްކަމަށެވެ.

މީގެ އިތުރުން އަސްލަމް ވިދާޅުވީ ކޯޓު އަމުރަށް އިހްތިރާމުކުރުމުގެ ގޮތުން، މެންބަރުން ގޮތެއް ކަނޑައަޅުއްވަންދެން، މެންބަރުންގެ ޖުމުލަ އަދަދަކީ 87 ކަމުގައި ބައްލަވާނެ ކަމަށެވެ. އެހެންވެ، މަޖިލީހުގެ މިއަދުގެ ޖަލްސާ ކުރިއަށް ގެންދެވޭނީ ވެސް ސުޕްރީމް ކޯޓުގެ އަމުރާ މެދު ގޮތެއް ނިންމުމަށް ފަހުގައި ކަމަށް އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ގުނާއިރު، މެންބަރުކަމުގައި ދެމިނެތް މެންބަރުންގެ އަދަދު ނުގުނާގޮތަށް ގަވާއިދަށް އިސްލާހު ގެނެސްފައެވެ. އިދިކޮޅު މެންބަރުން ރައީސް ވަކިކުރަން ސޮއިހަމަކޮށް ގަވާއިދަށް ގެނައި އިސްލާޙަށް އަމަލުކުރުން ހުއްޓައިލަން ވަގުތީ އަމުރެއް ނެރެދިނުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ބަންޑާރަނައިބުގެ އޮފީހުންނެވެ.