ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު ކަޅުއޮށްފުންމިއަކީ ދިވެހިންނަށްޓަކައި އޮތް ތާރީހީ މުހިންމު ރަމްޒެއް ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ ތެރޭގައި ކަޅުއޮށްފުންމި މާލެ ގެނެސްފައިވާއިރު، އާދަމް ނަސީރު ވިދާޅުވީ ކަޅުއޮށްފުންމީގެ މަރާމާތުގެ މަސައްކަތް ފެށިގެން ކުރިއަށް ދާކަމަށެވެ. އަދި މަރާމާތުގެ މަސައްކަތް ނިމުމުން އޮޑީގެ ހަރުގެ އެޅުން ކުރިއަށްދާނެ ކަމަށާ އެއަށްފަހު އޮޑިއާ ގުޅޭ ގައުމީ ވާހަކައިގެ ތެރެއަށް އަދުގެ ޖީލަށް ވަދެވޭނެ ގޮތަށް އެއޮޑި އާންމުންނަށް ހުޅުވާލާނެކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

މިގޮތުން ދެން އޮންނާނެ މަސައްކަތަކީ އަދުގެ ޖީލަށް އެގޭނެހެން ކަޅުއޮށްފުންމިއާއި ގުޅިފައިވާ ގައުމީ ބޮޑު ވާހަކަ، އުތީމު މަހާރަދުން އޮޑި މެދުވެރިކޮށް ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ވާހަކައިގެ ތަފްސީލްތައް މަންޒަރުތަކާ އެކުގަ އެނގޭނެ ގޮތަކަށް އެވާހަކަ ތައްޔާރުކުރުންކަމަށް އާދަމް ނަސީރު ވިދާޅުވިއެވެ.

ކަޅުއޮށްފުންމި މާލެ ގެނެސް މަރާމާތުގެ މަސައްކަތްތަކަށް ފަހު އާއްމުންނަށް ޒިޔާރަތް ކުރެވޭގޮތަށް ހުޅުވާލާއިރު އެކަމަށްޓަކައި ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ކަޅުއޮށްފުންމީގެ މަސައްކަތް ނިންމުމަށްފަހު ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަޙައްދުގައި ބެހެއްޓުމަށް ނިންމާފައިވާއިރު ކަޅުއޮށްފުންމި ބޭއްވުމަށް ހަދާ ހާއްސަ ހަރުގޭގައި ވީލް ޗެއާ އެކްސެސިބަލް ޕްލެޓްފޯމެއް ހުންނާނެއެވެ. އަދި ހަރުގެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޕްލެޓްފޯމުގައި ތިބެ ކަޅުއޮށްފުންމީގެ އެތެރެވެސް ބަލާލެވޭނެ އިންތިޒާމުތައް ހަމަޖެހިގެން ދާއިރު ހަރުގޭގެ އެތެރޭގައި ބެހެއްޓުމަށް ހަމަޖެހިފައިވާ ޕެނަލްތަކާއި ސްކްރީންތަކުން ކަޅުއޮށްފުންމީގެ ތާރީހާއި، ކަޅުއޮށްފުންމީގައި ބޮޑުތަކުރުފާނު ކުރެއްވި ޖިހާދާ ބެހޭ ގިނަ މައުލޫމާތު ލިބޭނެއެވެ.

ކަޅުއޮއްފުންމި އަކީ މީލާދުން 1558ވަނަ އަހަރު ރާއްޖޭގައި ރަސްކަންކުރެއްވި އައްސުލްތާނު އަލީ ހަވަނަ (އަލިރަސްގެފާނު) ޝަހީދުކޮށްލުމަށް ފަހު، ޕޯޗުގީޒުން ރާއްޖެ އަޅުވެތިކުރުމުން އެމީހުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށް ޓަކައި އުތީމު މަހާރަދުން ބެންނެވި އޮޑިކޮޅެވެ. މިހާރު ކަޅުވަކަރު މިސްކިތް ހުރި މައިދާނަށް ގެނެވެނީ އުތީމު މަހާރަދުން ބެންނެވި އޮޅިކޮޅުގެ ނަކަލެކެވެ. މި ނަކަލު ބަނދެވުނީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ.

ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ އުތީމު މަހާރަދުންގެ ގައުމީ ޖިހާދާއި ކަޅުއޮއްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު، ކަމާ ބެހޭ ފަންނީ ޓީމަކުން ދިރާސާކުރުމަށް ފަހު ލިބުނު ނަތީޖާތަކުގެ މައްޗަށެވެ. ކަޅުއޮށްފުންމީގެ ދިގުމިނުގައި 51 ފޫޓު ހުރެއެވެ. އަލަށް ބަނދެވުނު ނަކަލު މޫދަށް ބާލާފައި ވަނީ ޑިސެންބަރު 2، 2015 ގައެވެ. މިނިވަން ފަންސާހުގެ ރަސްމިއްޔާތަށް ފަހު އެ އޮޑި އޮތީ އާރަށަށް އެހެލާފައެވެ.