ވިމެން ފުޓްބޯލް ކްލަބްގެ އެއް ފައުންޑަރު އަދި ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރިޔަމް މުހައްމަދު (މާޔަން) ފަތިހު ދުވަން ނުކުމެ އުޅެނިކޮށް، ބަޔަކު އޭނާއަށް ބިރު ދައްކާ ކަރުގައި އޮތް ރަން ފަށް ފޭރިގެންފިއެވެ.

ކޮންމެ ދުވަހަކުވެސް ފަތިސް ނަމާދަށްފަހު، ދުވަން ނުކުންނަ މާޔަން ބުނީ މި ހާދިސާ ހިނގީ ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވަހި ގުޅޭ ސަރަހައްދުން އޭނާ ދުވެފައި ގޮސް ރެއިންކްރެސްޓް ރެސިޑެންސް ކައިރިން "ކްލޭ ސްޓޫޑިއޯ" ހުންނަ މަގަށް އެޅި ވަގުތުކަމަށެވެ. މާޔަން ބުނީ މިއަދު ދުވަން ނުކުތް އިރު އެ ސަރަހައްދުގައި ހެލްމެޓް އަޅައިގެން ތިބި ދެ މީހަކު ސައިކަލެއްގެ މަތީގައި ތިބިކަމަށެވެ.

މާޔަން ބުނީ އޭނާ ދުވަމުން ގޮސް މަގު ހުރަސްކުރަން އުޅެނިކޮށް ކުއްލިއަކަށް ފަހަތުން އައިސް އޭނާގެ ކަރުގައި ހިފާ ފަށް ނަގާފައިވާކަމަށާ އެ ވަގުތު އެހީއަށް އެދި ބާރަށް ހަޅޭއްލަވަން ފެށުމުން ބިދޭސީއަކު އައިސް އެ މީހުން އަތު ޖެހޭތޯ ފަހަތުން ދުވި ކަމަށެވެ. އެވަގުތު އެމީހުންގެ ސައިކަލު ނަންބަރުވެސް ބަލަން ހަނދާން ނެތްކަމަށް މާޔަން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ ހުޅުމާލޭގައި ފަތިހު ދުވަން ނުކުމެ އުޅެނު އަންހެނަކު ހިފަހައްޓައި، އޭނާގެ ކަރުގައި އޮތް ރަން ފަށް ބަޔަކު ފޭރުނު މައްސަލަ ބަލަމުން އަންނަކަމަށެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މި މައްސަލައިގެ ރިޕޯޓް ލިބުމާއެކު، މިކަން ބަލަމުން އަންނަކަމަށެވެ. އަދި މި ހާދިސާއާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.