ދިވެހި ބަހުގެ އެކެޑަމީއަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ހޯލެއް ނެތުންކަމުގައި ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވެއްޖެއެވެ.

ވާހަކަދެއްކުމުގެ މުބާރާތް ފެށުމުމަށްޓަކައި އިސްލާމިކް ޔުނިވާސިޓީ ހޯލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި އަޝްރަފް ވިދާޅުވީ ދިވެހި ބަހުގެ އެކެޑަމީން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތްތައް ބޭއްވުމަށް އެކެޑަމީގެ ހޯލެއް ހުރުން މުހިންމުކަމަށެވެ. މުބާރާތްތައް ބޭއްވުމުގައި އެކެޑަމީއަށް ދިމާވާ އެންމެ ބޮޑު ދައްޗަކީ ހޯލެއް ނެތުންކަމުގައި ފާހަގަކޮށް އަޝްރަފް ވަނީ އެކެޑަމީގެ ގޯތި ތެރޭގައި މުބާރާތްތައް ބޭއްވޭނެ ފެންވަރަށް ހޯލެއް ހައްދަވާދެއްވުމަށް، ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ކިބައިން އެދިވަޑައިގެންފައެވެ.

މި މުބާރާތުގެ ބައިވެރިންނާ މުހާތަބުކޮށް ދެއްކެވި ވާހަކައިގައި އަޝްރަފް ވިދާޅުވީ މި ޒަމާނުގައި ފަހިވެފައިވާ ވަސީލަތްތަކާ އެކު، ކަން ފަސޭހަކޮށްލައިގެން މޮޅު ވާހަކަދެއްކުންތެރިއަކަށް ނުވެވޭނެކަމަށެވެ. މޮޅު ވާހަކަދެއްކުންތެރިއަކަށް ވުމަށްޓަކައި، ޕޯޑިއަމަށް އެރުމުގެ ކުރިން ކުރަންޖެހޭ މަސައްކަތް ބޮޑުކަން ފާހަގަކޮށް އަޝްރަފް ވިދާޅުވީ އެ މަސައްކަތަށް ހިތްވަރާއި، އަޒުމާއި، ޝައުގު ބޭނުންވާކަމަށެވެ.

މިފަދަ މުބާރާތްތަކުގެ ބޭނުމަކީ ކުދިންގެ ކިބައިގައި އެ ކަންކަން އަށަގެންނެވުންކަން ފާހަގަކުރަމުން އަޝްރަފް ވިދާޅުވީ އެކަން ހާސިލު ނުވާނަމަ މިފަދަ މުބާރާތްތަކުގެ ބޭނުމެއް ނެތްކަމަށެވެ.

މިއަހަރުގެ މުބާރާތުގައި ޖުމްލަ 29 ސްކޫލަކުން 312 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގައި ގުރޭޑު 7ކުން ފެށިގެން ގުރޭޑު 12އާ ހަމައަށް ކިޔަވާ ދަރިވަރުން 3 ގިންތިއަކަށް ބަހާލައިގެން ވާހަކަދައްކާނެއެވެ.