އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ދަތުރުތަކުގެ ފައިސާ ނުދައްކާ ހުރުމުން އެ ފައިސާ ހޯދަން މޯލްޑިވިއަން އިން އެންމެ ފަހުގެ ނޯޓިސް ފޮނުވައިިފިއެވެ.

މައުލޫމާތު ލިބިފައިވާގޮތުން އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ދަތުރުތަކުގެ ފައިސާ ދެއްކުމަށް އެތައް ފަހަރެއް މަތިން އެ ޕާޓީއަށް ވަނީ އަންގާފައެވެ. ނަމަވެސް އަދިވެސް އެ ފައިސާ ނުދައްކާ އޮތުމުން މި މަހުގެ 18 ގެ ކުރިން އެ ފައިސާ ހޯދުމަށް ކޯޓަށް ދާނެ ކަމަށް ވަނީ ނޯޓިސް ފޮނުވާފައެވެ.

މޯލްޑިވިއަން މެދުވެރިކޮށް އެމްޑީޕީއީން ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ކުރި ދަތުރަށް 5.6 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އެގޮތުން މޯލްޑިވިއަންއިން އެމްޑީޕީއަށް މިދިޔަ ބުދަ ދުވަހު ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ޕާޓީއިން އެ ކުންފުނިން ނަގާފައިވާ ޓިކެޓާއި ޗާޓާ ފްލައިޓްތަކަށް ނުދައްކާ ހުރި ފައިސާގެ ޖުމުލަ އަދަދު 5،629،861 ރުފިޔާއަށް އަރާ ކަމަށެވެ.

މޯލްޑިވިއަން އިން ބުނި ގޮތުގައި މިއީ ވަކި އެމްޑީޕީއަށް ނުވަތަ ވަކި ބަޔަކަށް ޓާގެޓްކޮށްގެން ކުންފުނިން ކުރާ ކަމެއް ނޫނެވެ. މޯލްޑިވިއަންނާއި އެމްޑީޕީއިން އެއްބަސްވެފައިވާނީ ހިދުމަތް ހޯދާތާ 48 ގަޑިއިރު ތެރޭގައި ފައިސާ ދައްކާގޮތަށް ކަމަށްވެސް މޯލްޑިވިއަންއިން ވަނީ ބުނެފައެވެ.

އަދި އެ އެއާލައިނަށް އެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުންނަ ފައިސާ ހޯދަން ކުންފުނީގެ ރިކަވަރީ ޑިޕާޓްމަންޓުން އަބަދުވެސް އެކި ފިޔަވަޅުތައް އަޅާކަމަށް ވަނީ ބުނެފައެވެ.