މަކަރާއި ހީލަތުން މީހެއްގެ އެކައުންޓުން 2 ލައްކަ ރުފިޔާ ނެގި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ އެޗްޑީސީން ފްލެޓެއް ލިބިއްޖެ ކަމަށް ބުނެ، އޮޅުވާލައިގެން ފައިސާ ނަގާފައި ވަނީ ގއ. ވިލިނގިލީ މީހެއްގެ އެކައުންޓުން ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ބުދަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް އެ ހިދުމަތުން މައުލޫމާތު ދިނެވެ.
މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވި ނަމަވެސް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މަކަރާއި ހީލަތުން އެތައް ބައެއްގެ ރުފިޔާ ފޭރުމުގެ ގިނަ މައްސަލަތަކެއް ފުލުހުންނަށް ހުށަހަޅަމުންދާއިރު މިކަމަށް އާންމުން ހޭލުންތެރި ކުރުމަށް ފުލުހުންގެ އިތުރުން ބޭންކު ތަކުންވެސް ދަނީ އެކި އެކި ޕްރޮގްރާމްތައް ހިންގަމުންނެވެ.
އެގޮތުން އެފަދަ ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ކުރެވޭނެ އެންމެ މުހިންމު އެއްކަމަކީ ފައިސާ ފޮނުވުމުގެ ކުރިން ފައިސާ ފޮނުވެނީ ކޮން ފަރާތަކަށް ޔަގީން ކުރުން ކަމަށް ބީއެމްއެލް އިން ވަނީ މީގެ ކުރިން އިރުޝާދު ދީފައެވެ.
އަދި ހަމައެހެންމެ އެގޮތަށް އޯޓީޕީ ހޯދަން އެދޭ ފަރާތްތަކާ އެއްވެސް ހާލަތެއްގައި އޯޓީޕީ ހިއްސާނުކުރުމަށް ބޭންކުން އިލްތިމާސްކުރެއެވެ.