ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ އަދާކުރެވޭނެ މާހައުލެއް ސަރުކާރުގެ ހުރިހާ ވުޒާރާއެއްގައި ގާއިމު ކުރާނެ ކަމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީ އާ ބެހޭ ވުޒާރާއިން ފޭސްބުކް ލައިވެއްގައި އެ ވުޒާރާގެ ވަޒީރު ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

ޑރ. އައިޝަތު ޝިހާމް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް ގެންދެވުނު އެ ވުޒާރާގެ ފޭސްބުކް ލައިވްގައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާ އަދާކުރެވޭނެ މާހައުލެއް މިހާރު ގާއިމުވެފައި ނެތްކަމަށާއި ނަމަވެސް ވަރަށް އަވަހަށް އުސޫލުތަކެއް ހެދިގެން ދާނެ ކަމަށް ޑރ. އައިޝަތު ޝިހާމް ވަނީ ވިދާޅުވެފައެވެ.

އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަކީ މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހެދުމަކީ ވަރަށް ބޭނުންތެރިކަމެއްކަން ފާހަގަކޮށް ޑރ. އައިޝަތު ޝިހާމް ވަނީ ދާދި އަވަހަށް މިފަދަ ފަރާތްތަކަށް ހާއްސަ ކޮށްގެން ވަޒީފާގެ ފެސްޓިވަލެއްވެސް ބާއްވާނެކަމަށް ވިދާޅުވެފައެވެ. މި ފެސްޓިވަލްގެ ސަބަބުން ފަސޭހައިން ވަޒީފާ ދޭ ފަރާތްތަކާއި ބައްދަލުވެ ވަޒީފާގެ ފުރުސަތު ފަސޭހައިން ލިބޭނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް މި ދައުރުގައި ހާއްސަ އިސްކަމެއް ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ނުކުޅެދުންތެރިކަން ހުންނަ ކޮންމެ ފަރާތަކަށް ވެސް އެންމެންގެ ލޯބި ލިބިގެން އުޅެވޭނެ މުޖްތަމައެއް އުފައްދައިދެއްވާނެ ކަމަށާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތްވެސް ކުރިއަށް ދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އަދި އަލަށް ފަށާ ސޯޝަލް ހައުސިން ސްކީމްތަކުގައި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް 500 ހައުސިން ޔުނިޓް ހިމެނުމަށް ވަނީ ނިންމާފައި ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއީ މިފަދައިން އިންތިޒާމު ކޮށްގެން އާންމުންގެ ސުވާލުތަކަށް ފޭސްބުކްގެ ޒަރީއާއިން ޖަވާބުދޭ ފުރަތަމަ ފަހަރަށް ވާއިރު، ދާދިފަހަކުން ރައީސް ޑރ. މުހައްމަދު މުއިއްޒުވެސް ވަނީ ރައީސްގެ ޖަވާބުގެ ނަމުގައި އާންމުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމުގެ ގޮތުން ފޭސްބުކް ލައިވެއް ބާއްވާފައެވެ.