ރައީސް ޑރ. މުއިއްޒު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ތިން ދުވަހުގެ މުއްދަތަކަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ ތ. ގުރައިދުއަށެވެ. އެއަށްފަހު އެމަނިކުފާނު ވަނީ ތ. އަތޮޅުގެ ދިޔަމިގިލި، މަޑިފުށި، ވޭމަންޑޫ، ބުރުނީ، ކަނޑޫދޫ، ވަންދޫ، އޮމަދޫ، ކިނބިދޫ އަދި ގާދިއްފުށްޓަށްވެސް ވަޑައިގެންފައެވެ.

ރައީސްގެ މިދަތުރުފުޅުގައި ވަނީ ރައްޔިތުންނާއި ކައުންސިލުތަކާއި އަންހެންނުގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާފައެވެ. މީގެއިތުރުން ތ. ކިނބިދޫއަށް ވަޑައިގެން ރައީސް ވަނީ ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލްތަކާ ބައްދަލުކުރަން ރަށްރަށަށް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ހުރިހާ ރަށަކަށް ވަޑައިނުގެނަނެވުނަސް އަތޮޅުތަކުން ހޮވާލެވޭ ވަކި ވަކި ރަށްރަށަށް ކައިރި ރަށްތަށުގެ ކައުންސިލްތަކުން އައިސް ބައްދަލުކުރެވޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ތަރުތީބުކޮށްގެން އެންމެ އިސްކަމެއް ދެއްވަން ޖެހިވަޑައި ކަންކަމަށް އިސްކަން ދެއްވައިގެން މަސައްކަތްތައް ކުރައްވާނެ ކަމަށާއި ބަހާލައިގެން ކުރިއަށްގެންދަން މަސައްކަތް ކުރާނަމަ އާމްދަނީއާއި ކުރާ ހަރަދު ދެކޮޅު ޖައްސަމުން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި އިގްތިސާދު ފުޅާކުރުމަށް މި ސަރުކާރުން ގެންގުޅޭ އިގްތިސާދީ އެޖެންޑާ އައި.އެމް.އެފް އިން ބަލައިގަނެފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކަނޑޫދޫއަށް ވަޑައިގެން ރައީސް ވަނީ ކައުންސިލްތައް ބާރުވެރިކޮށްދީ، ރަށުގެ ރައްޔިތުން މުއްސަނދިކުރަން ޖާގަ ހުޅުވަދޭނެ ކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެ ރަށުގައި ދަނޑުވެރިކަން ކުރާ މީހުންނާ ވާހަކަދައްކައިގެން އިތުރު ރަށެއް ހޯދުމުގެ އިހުތިޔާރާއި ބާރު ކައުންސިލްތަކަށް ލިބިފައިވާނެ ކަމަށާއި އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ރަށުގެ މީހުންނަށް ދަނޑުވެރިކަން ކުރުމަށް އެހެން ރަށެއް ހަމަޖައްސައިދޭއިރު އެހެން ރަށްރަށުގެ މީހުންނަށްވެސް އާމްދަނީ ހޯދުމަށް އެހެން ކަމަކަށްވެސް ރަށް ދޫކުރެވޭނެ ކަމަށެވެ.

ތ. އަތޮޅުގެ ބައެއް ރަށްރަށަށް ރައީސް ކުރެއްވި މިދަތުރުފުޅުގައި ރައީސްގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.