ކ. މާފުށި ސްކޫލަށް ބޭނުންވާ ބައެއް ތަކެތި ޗައިނާ އެމްބަސީގެ ފަރާތުން ހަދިޔާކޮށްފިއެވެ.

އެގޮތުން ޗައިނާ އެމްބަސީގެ ފަރާތުން މާފުށީ ސްކޫލަށް ހަދިޔާކުރި ކިޔަވައިދިނުމާ ގުޅޭ ބައެއް ސާމާނާއި ކުޅިވަރާބެހޭ ބައެއް ސަމާނާއި އަދި ކޮންޕިއުޓަރެވެ.

އެކަމަށްޓަކައި މާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސާޖިދާ ވަނީ ޗައިނާ ސަރުކާރުން މާފުށީ ސްކޫލަށް ހަދިޔާކުރި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ތަކެތީގެ ސަބަބުން މާފުށީ ސްކޫލްގެ ކިޔަވައިދިނުމާއި އަދި ދަރިވަރުންގެ އުނގެނުމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ފާހަގަކުރައްވާފައެވެ. އަދި ހަމައެހެންމެ މީގެ ތެރޭގައި ހިމެނޭ ކުޅިވަރާ ގުޅޭ ސާމާނުގެ ސަބަބުން ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލެއް އައުމަށް މަގުފަހި ވެގެންދާނެކަންވެސް ސާޖިދާ ވަނީ ފާހަގަކުރައްވާފައެވެ.

ސާޖިދާ ވިދާޅުވީ ތައުލީމީ ދާއިރާއަށް މިގޮތަށް ކުރެވޭ ހޭދައަކީ ހަމައެކަނި މާފުށީ ސްކޫލްގެ އިތުރުން އޭގެ ފައިދާ ދިގު މުއްދަތެއްގައި މުޅި ރަށަށްވެސް ލިބިގެންދާނެ ކަމަށެވެ. އަދި ދާދިފަހު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވައި ސާޖިދާ ވަނީ ރާއްޖެއާއި ޗައިނާއާ ދެ ގައުމުގެ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަދައްކަވާފައެވެ.

ޗައިނާއިން މާފުށީ ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ސްކޫލަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްގެ އިތުރުން ބާސްކެޓް ބޯޅައާއި ފުޓްބޯޅަ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ބައެއް ސާމާނާއި އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ބައެއް ތަކެތި ހިމެނެއެވެ.