އިންތިހާބާ ދިމާކޮށް 'ކަޑަ' ޖަހާ އުސޫލުން ކަންކަން ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ކިނބިދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އިންތިހާބު ކުރިމަތީގައި އޮތުމުން މާދަމާ ނޫން އަނެއް ދުވަހު އެ ތަނުގައި ކަޑަޖަހާފައި ކަންތައްތަކެއް ފެށިދާނެ ކަމަށާއި އެހެންނަމަވެސް އެގޮތަށް އެކަން ނުކުރާނެ ކަމަށެވެ. އަދި ކަންކަން ކޮށްދޭނީ ހަގީގީ މާނާގައި، ރައްޔިތުންނަށް އިހުލާސްތެރިކަމާއެކުގައި ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކިނބިދޫ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށާއި އެންމެ މުހިއްމު ކަމަކީ އިގްތިސޯދީ ކުރިއެރުން ގެނަސްދިނުން ކަމަށެވެ. އަދި އިގްތިސޯދީ ކުރިއެރުން ގެނެވެނީ 'އިކޮނޮމީ އޮފް ސްކޭލް' ހާސިލްވާ ގޮތަށް ތަރައްގީ ބައްޓަން ކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ކިނބިދޫގެ ރައްޔިތުންނަށް އެންމެ މުހިއްމީ ވޭމަންޑޫއާ ކޯޒްވޭއަކުން ގުޅާލުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެކަން ޔަގީންކޮށް ހާސިލުކޮށްދެއްވާނެ ކަމަށެވެ. އަދި އެކަމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިރަށުގެ ރައްޔިތންނަށް އެންމެ މުހިއްމީ މި ރަށަށް ވޭމަންޑޫ އެއްފަސްވެގެންދިއުން، ކޯޒްވޭއަކުން އެކަން ޔަގީންކޮށް ހޯދައިދޭނަން، ހާސިލްކޮށްދޭނަން އިރާދަކުރެއްވިއްޔާ"
ރައީސް

ރައީސް ވިދާޅުވީ ކެމްޕެއިން ފެށިގެން މިއަދާ ހިސާބަށް އައި އިރުވެސް ވާހަކަދައްކާފައި ހުންނާނީ އެއްގޮތަކަށް ކަމަށާޢި ވާހަކަ ބަދަލުވެފައެއް ނުހުންނާނެ ކަމަށެވެ. އަދި ރައްޔިތުން ރުއްސާލަން، ވޯޓެއް ހޯދަން ދެންނެވި އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ކޮންމެ ކަމެއްގެ ވާހަކަވެސް ވިދާޅުވީ ކޮށްދޭ ހިތުން ކޮށްދެވޭނެ ކަމުގެ ޔަގީންކަން އޮވެގެން ކަމަށެވެ.

ރައީސް ވަނީ ވާމަންޑޫއާއި ކިނބިދޫގެ ކޯޒްވޭ އަކީ ބިލާހެއްގެ ގޮތުގައި އޮތް އޮތް ނިމުމަކަށް އައިސް ހަގީގަތަކަށް ހަދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ އަތޮޅުގައި އަޅަން ޖެހިފައިވާ ދެ ކޯޒްވޭ ހަގީގަތަކަށް ހަދައިދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ ދެން ހުރި ތަރައްގީގެ ކަންކަން ކަމަށްވާ ޒުވާނުންގެ ފުޓުބޯޅަދަނޑާއި ސްކޫލްގެ ފެންވަރު ރަނގަޅު ކުރުމާއި ޕޮލިސް ސްޓޭޝަންގެ މަސައްކަތާއި އެ ނޫނަސް އެހެން ހުރި ކަންކަން ތަރުތީބެއް ކަނޑައަޅައިގެން ކުރިއަށް ގެންދެވިގެން ނޫނީ މިއޮތް އަނދަވަޅުން އަރައިގަނެގެން މާނަހުރި ދެކޮޅު ޖެހޭ ދެމެހެއްޓެނިވި ތަރައްގީއެއް ނުގެނެވޭނެ ކަމަށެވެ.