ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، ރީރަޖިސްޓަރީ ކުރަން އިލެކްޝަން ކޮމިޝަނުން (އީސީ) އިން ހުޅުވާލި ފުރުސަތުގައި 13،000 އަށްވުރެ ގިނަ މީހުން ހުށަހެޅި ކަމަށް އެ ކޮމިޝަނުން ހާމަ ކޮށްފިއެވެ.

އީސީގެ ނައިބު، ހަސަން ހަބީބް ވިދާޅުވީ، ރީ-ރަޖިސްޓަރީ ކުރުމަށް ހުޅުވާލި 7 ދުވަހުގެ ތެރޭގައި 13378 މީހުން ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން 11919 މީހުން މިހާރު ރީ-ރަޖިސްޓްރީ ކޮށްދީފައިވާ ކަމަށެވެ.

އަދި 1459 ފަރާތެއްގެ ހުށަހެޅުން އެކި ސަބަބުތަކާ ހުރެ ބަލައިގަންފައި ނުވާ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ. އަދި ހަމައެހެންމެ ރާއްޖެއިން ބޭރުގައި ވޯޓުލުމަށް ރީ-ރަޖިސްޓަރީ ކުރުމަށް ކަނޑައަޅާފައިވާ އަދަދު ހަމަވެފައި ވަނީ ހަމައެކަނި މެލޭޝިއާ އާއި ސްރީލަންކާގައި ކަމަށް މައުލޫމާތު ލިބެއެވެ.

މީގެ އިތުރުންވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުގެ ތާރީހެއްގައި ބާއްވަން ޖެހިއްޖެނަމަ، ރީ-ރަޖިސްޓަރީ ކުރުމަށް އިތުރު ފުރުސަތެއް އިލެކްޝަންސް ކޮމިޝަނުން ދޭނެ ކަމަށްވެސް ހަބީބް ވަނީ ވިދާޅުވެފައި ވެއެވެ.

އީސީއިން ބުނެފައިވާ ގޮތުގައި މަޖިލިސް އިންތިހާބުގައި ޖުމްލަ 608 ވޯޓު ފޮށި ބަހައްޓާނެއެވެ. އޭގެތެރޭގައި؛

  • މާލޭގައި 181 ފޮށި
  • ހުޅުމާލޭގައި 50 ފޮށި
  • ވިލިމާލޭގައި 9 ފޮށި
  • އަތޮޅު ތެރޭގައި 319 ފޮށި

އަދި 37 ރިސޯޓެއްގައި ވޯޓު ފޮށި ބެހައްޓާނެ ކަމަށް މީގެ ކުރިން އީސީއިން ވަނީ ބުނެފައެވެ.

އަދި މާފުށީ ޖަލުގައި ދެ ވޯޓު ފޮށި ބަހައްޓާނެ ކަމަށާއި އައްސޭރި ޖަލާއި ހުޅުމާލެ ޖަލު އަދި ދޫނިދޫ ޖަލުގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވާ ކަމަށްވެސް އީސީއިން ވަނީ ބުނެފައެވެ.

މަޖިލިސް އިންތިހާބުގައި ވޯޓުލުމުގެ ހައްގު 284،337 މީހަކަށް ލިބިގެންވެއެވެ. އެއީ އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ 139،165 އަންހެނުންނާއި 145،162 ފިރިހެނުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ ނިންމީ އަންނަ މަހުގެ 17 ގައި މަޖިލީހުގެ އިންތިހާބު ބޭއްވުމަށެވެ. އެ ދުވަހަކީ ރަމަޟާން މަހުގެ ހަތްވަނަ ދުވަހެވެ. ރަމަޟާން މަހާ ދިމާވާތީ އެ މަހު އިންތިހާބު ނުބާއްވާ ގޮތަށް ހުށަހެޅި އިސްލާހު ވަނީ ކޮމިޓީން އިއްޔެ ފާސްކޮށްފައެވެ. އިންތިހާބާ ބެހޭ ގާނޫނަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލު ކޮމިޓީން ފާސްކުރީ ކޮމިޓީގައި ތިއްބަވާ ފަސް މެންބަރުންގެ ވެސް އިއްތިފާގުންނެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިން އާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުކޮށް ނިންމަން ޖެހޭނެއެވެ.