ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީގެ ބައްދަލުވުމަކަށް އެފްއޭއެމްގެ ފަރާތުން ދިއުމަށް އެ ފެޑެރޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލަށް ކްރިމިނަލް ކޯޓުން ހުއްދައެއް ނުދިނެވެ.

މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށުގެ ދައުވާ އުފުލާފައިވާ ބައްސާމަށް ގަތަރުގައި އަންނަ ހުކުރު ދުވަހު އޮތް އޭއެފްސީގެ ބައްދަލުވުމަކަށް ދާން ދައުވަތު ލިބިފައި ވުމުން ބައްސާމްގެ ފަރާތުން އެދުނީ މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހާ ހަމައަށް ޕާސްޕޯޓް ދޫކުރުމަށެވެ.

ނަމަވެސް ޕީޖީ އޮފީހުން އެކަމަށް ދެކޮޅު ހެދީ އެފްއޭއެމްގެ ފަރާތުން އެހެން މީހަކު ވެސް އެ ބައްދަލުވުމަށް ދިއުމުގެ ފުރުސަތު އޮތުމުންނެވެ. އަދި ބައްސާމްގެ ޕާސްޕޯޓް ދޫކުރަން އޭއެފްސީ އާއި ސްޕޯޓްސް ކޮމިޝަނަރު ނުވަތަ އެފްއޭއެމްއިން ވެސް ރަސްމީކޮށް އެދިފައިނުވާ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

ބައްސާމުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށުގެ ދައުވާގެ މައްސަލާގައި އޭނާގެ ޕާސްޕޯޓް ތަހުގީގު މަރުހަލާއިން ފެށިގެން އޮތީ ހިފަހައްޓައިފައެވެ. ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ފަރާތްތަކުން ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ބައްސާމުގެ މައްޗަށް މަނީ ލޯންޑަރިންނާއި ހިޔާނާތުގެ ކުށުގެ ދައުވާ އުފުލާފައިވާކަމަށެވެ.

ޕީޖީ އޮފީހުން ބުނީ 2016 ވަނަ އަހަރުން ފެށިގެން އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުރި ބައްސާމް ވަނީ ފެޑެރޭޝަން އިންޓަނޭޝަނަލް ޑި ފުޓްބޯލް އެސޯސިއޭޝަން (ފީފާ)ގެ ފަރާތުން އެފްއޭއެމް އަށް ދިން 10،000 ޑޮލަރު އޭނާގެ އަމިއްލަ އެކައުންޓަށް ޖަމާކޮށް، އެ ފައިސާ އަމިއްލަ ކަންކަމުގައި ބޭނުންކުރި ކަމުގެ ތުހުމަތު ކޮށްފަކަމަށެވެ.

ބައްސާމްގެ މައްޗަށް މަނީ ލޯންޑެރިންގެ ދައުވާ އުފުލާފައިވަނީ 9،999 އެމެރިކާ ޑޮލަރު އޭނާގެ އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ ތެރެއިން 1,910 އެމެރިކާ ޑޮލަރު 2 ސެޕްޓެންބަރު 2018 ދުވަހު އަމިއްލަ މީހެއްގެ އެކައުންޓަށް ޖަމާކޮށް އޭނާގެ ހިއްސާ އޮންނަ ކުންފުންޏެއްކަމަށްވާ ގްލޭސިއަރ އިންވެޓްމަންޓްސް ޕވޓ ލޓޑގެ ކަންކަމަށް ބޭނުންކޮށްފައި ވާތީއެވެ.

މީގެއިތުރުން އޭނާ ކުއްޔަށް ނަގައިގެން އުޅުނު ރެހެންދި ފުލެޓުގެ އެޕާޓްމެންޓުގެ ކުލި ދައްކަން ވެސް އޭގެ ތެރެއިން 2،000 ޑޮލަރު ބޭނުން ކޮށްފައިވާ ކަމަށް ދައުވާގައި ވަނީ ބުނެފައެވެ.