ކުރީ ސަރުކާރުން 'ބިންވެރިޔާ' ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކާއި ގޯތީގެ ރަޖިސްޓްރީ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަން ޖެހޭ ގޮތަށް ބިމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ބިލު މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ބިމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް މީކާއީލް ހުށަހެޅުއްވި ބިލު މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ރިޔާސަތުން ވޯޓަށް އެހުމުން، ވޯޓު ދެއްވި 32 މެންބަރުން ވެސް ވޯޓު ދެއްވީ ބިލު ބަލައިގަތުމަށެވެ.

އެހެންކަމުން ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ސަލީމް ވަނީ، އެ ބިލު މަޖިލީހުން ބަލައިގަތްކަން އިއުލާނުކުރައްވައި ބިލު އިތުރަށް ދިރާސާކުރުމަށްޓަކައި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް ބިލު ފޮނުވާލާފައިވާ ކަން އިއުލާނުކުރައްވައިފައެވެ.

ރާއްޖޭގެ ބިމާ ބެހޭ ގާނޫނަށް މީކާއީލް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ދިރިއުޅުމަށް ދޫކުރާ ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރާ ތާރީހުން ފެށިގެން ގިނަވެގެން ހަ މަހުގެ ތެރޭގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ގޯތި ލިބުނު ފަރާތަށް ހަވާލުކުރަންޖެހޭނެ ކަމަށެވެ.

މީގެ އިތުރުން މި ބިލު ފާސްވެ ގާނޫނަކަށް ވުމުން، ބަންޑާރަ ގޯތި ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓްކުރުމަށް ފަހު، ހަވާލުކޮށްފައިނުވާ ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ގާނޫނަށް އަމަލު ކުރަން ފަށާތާ ތިން މަހުގެ ތެރޭގައި ގޯތި ލިބުނު ފަރާތަށް ހަވާލު ކުރަންޖެހޭނެ ކަމަށް ވެސް އެ އިސްލާހުގައި ވެއެވެ.

މި އިސްލާހު ހުށަހެޅުއްވީ މީކާއީލް ވިދާޅުވި ގޮތުގައި، ބިންވެރިޔާގެ ދަށުން މާލެ ސަރަހައްދުން ދޫކުރަން ހަމަޖެހިފައިވާ ގޯތިތައް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ގެޒެޓުގައި އާންމުކުރުމަށް ފަހު އެތައް ދުވަހެއް ފާއިތުވެފައިވީ ނަމަވެސް، އެ ގޯތިތައް ހަވާލުކޮށްފައި ނުވާތީ، އެ ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ގާނޫނީ ގޮތުން ހައްލެއް ހޯދަދިނުމަށެވެ.

މީކާއިލް އިތުރަށް ވިދާޅުވީ، އެ އިސްލާހު ހުށަހެޅުއްވީ އެފަދަ މައްސަލައެއް ތަކުރާރުވެގެން ނުދާނެކަން ކަށަވަރުކުރުމަށާއި ބަންޑާރަ ގޯތި ދޫކުރާ އިދާރާތަކުން ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށް ފަހު، އެ ފަރާތްތަކަށް އަވަސް މުއްދަތެއްގައި ގޯއްޗާއި ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަންޖެހޭ ގޮތް ހެދުމަށްޓަކައި ކަމަށެވެ.