ކުރީ ސަރުކާރުން 'ގެދޮރުވެރިޔާ' ސްކީމްގެ ދަށުން ދޫކުރި 4،000 ފްލެޓުތަކާ ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހިންގި ތަހުގީގާއި އެ ކޮމިޝަނުގެ ނަޒާހާތްތެރިކަމާ މެދު، އިދިކޮޅު މެންބަރުން ސުވާލު އުފައްދައިފިއެވެ.

މިއަދު އެންމެ ފުރަތަމަ މަސައްކަތަކަށް މަޖިލީހުގައި އޮތީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދޫކުރި މީހުންގެ ތެރެއިން ޝަރުތުހަމަވާ މީހުންނަށް ފްލެޓު ދިނުން އަވަސްކުރުމަށް ގޮވާލައްވައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސްކުރެއްވުމެވެ.

އެ މައްސަލައަށް ތާއީދުކުރައްވާ ވާހަކަ ދައްކަވަމުން ހޯރަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވީ، ފްލެޓު ދޫކުރުމުގެ އިދާރީ މަސައްކަތް ހިނގަމުން ދިޔަ ވަގުތު ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ކަމެއް ހިނގަމުންދާ ކަން ފާހަގަކުރެވިއްޖެ ނަމަ އެކަން ރަނގަޅުކުރުމުގެ ފުރުސަތު އޭސީސީ އަށް އޮތް ނަމަވެސް، އެ ކޮމިޝަނުން ކަންކުރީ ގާނޫނުން އޮތީ އެގޮތަށް ނޫން ކަމަށެވެ.

ސަލީމް ވިދާޅުވީ މިހާރު ފެންނަނީ އޭސީސީން ހައުސިން މިނިސްޓްރީގެ މެންޑޭޓުގައިވާ މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށާއި، އެ ކޮމިޝަނުގެ ނިޔަތް ރަނގަޅު ނަމަ، އެ މަސައްކަތް ހަވާލުކުރާނީ މިނިސްޓްރީ އާ ކަމަށެވެ.

"މިހާރު މި އޮތީ ޒިންމާތަކާއި ވާޖިބުތަކާއި މެންޑޭޓުތަކާ އޮޅޭ ހިސާބަށް ގޮސް، ރައްޔިތުން މި ތިބީ ވާނުވާގަ،" ސަލީމް ވިދާޅުވިއެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވަނީ ފްލެޓުތައް ދޫކުރި މައްސަލަ ތަހުގީހުކޮށް އޭސީސީން ނިންމުމަށް ފަހު، ސިއްރުން ކަން ކުރަންވީ ގޮތް ހައުސިން މިނިސްޓްރީ އަށް އަންގަމުންދާ ކަމަށް ތުހުމަތުކުރައްވައިފައެވެ. ނިޔާޒް ވިދާޅުވީ އޭސީސީގެ ޕްރެސް ކޮންފަރެންސްގައި އިއުލާނުކުރި ވާހަކަތައް އިއުލާނުކުރީ ހައުސިން މިނިސްޓްރީ އާ އެކު ސިއްރު ދެވަނަ ބައްދަލުވުމެއް ވެސް ބޭއްވުމަށް ފަހު ކަމަށެވެ.

"އަޅުގަނޑަށް ލިބޭ މައުލޫމާތުގައި އެއީ ރަނގަޅަށް ކޮށްފަ އޮތް ކަމެއް ކަމަށް އެންޓި ކޮޮރަޕްޝަން ކޮމިޝަނުން ހައުސިން މިނިސްޓްރީ އަށް ލަފާދީފައި ވަނީ،" ނިޔާޒް ވިދާޅުވިއެވެ.

"މިއީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 60 އިންސައްތަ ފްލެޓުތައް ޕީޕީއެމް-ޕީއެންސީ ކެންޑިޑޭޓުން ބޭނުންވާ މީހުންނަށް ދިނުމަށްޓަކައި ކުރާ މަސައްކަތެއް،"

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ، އޭސީސީގެ އަމަލުތައް ހުރިގޮތުން ސަރުކާރުން އެ ކޮމިޝަނުގެ ފަސް މެންބަރުން ފައިސާ އަށް ގަނެފައިވާ ކަމަށް ތުހުމަތުކުރެވޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް މި ފެންނަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކޮރަޕްޝަނުގެ އަމަލެއް ހިންގާ މަންޒަރު، އަޅުގަނޑުމެންނަށް މި ފެންނަނީ ފްލެޓު ހައްގުވާ ފަރާތްތަކަށް ފްލެޓު ނުދީ، ސަރުކާރަށް ސިޔާސީ ބޭނުމެއް ހާސިލުކޮށްދިނުމަށްޓަކައި ވަގުތު ދިގުދަންމަމުން ގެންދާ މަންޒަރު،" އޭނާ ވިދާޅުވިއެވެ.

މިއީ ނާޖާއިޒު ގޮތެއްގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ހޯދުމަށް އޭސީސީ އާ ގުޅިގެން ސަރުކާރުން ރާވައިގެން ކުރާ ކަމެއްގެ ގޮތުގައި އޭނާ ތުހުމަތުކުރެއްވިއެވެ.

މިއަދުގެ ޖަލްސާ އަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި އީވާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަކީ އަދިވެސް ހައްލުނުވެ އޮތް މައްސަލައެއް ކަމަށާއި، ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފަރާތަކަށް ފްލެޓު ލިބިފައިވާ ކަމަށް އާންމުކޮށް ދާއިމީ ލިސްޓު ނެރުން ވެގެން ދިޔައީ އެތައް އާއިލާއަކަށް ސާދާ ދިރިއުޅުމެއް އުޅެވޭނެ ކަމުގެ ފޮނި އުންމީދަކަށް ކަމަށެވެ.

ނަމަވެސް އެކި ސަބަބުތަކާ ހުރެ ފްލެޓް ދޫކުރުމުގެ މަސައްކަތް ލަސްވުމުގެ ސަބަބުން ފްލެޓުތަކުގެ ހައްގުވެރިންނަށް ގެއްލުން ލިބެމުންދާ ކަމަށް ވިދާޅުވެ، އެ ތަންތަނުގައި ދިރިއުޅެވެންދެން ކުލީގެ ގޮތުގައި އެ ލިބޭ އާމްދަނީން ބޮޑު ބައެއް ހަރަދުކުރަން ޖެހޭ ކަމާއި، ކުދި ކުދި ތަންތަނުގައި ދިރިއުޅެން ޖެހޭ އެތައް އާއިލާއެއް ތިބިކަން އީވާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން، އޭސީސީން ހިންގި ތަހުގީގަށް ފަހު، ފްލެޓު ދޫކުރިއިރުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކަށަވަރުވެފައިވާ މީހުންނަށް ލަސްކުރުމެއް ނެތި ފްލެޓުތައް ދޫކުރުމަށާއި، ވީ އެންމެ އަވަހަކަށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް، އީވާ ގޮވާލައްވާފައިވެއެވެ.