ރައްޔިތުން އެދޭ ގޮތަށް ބުރުންޏަށް ބޭނުންވާ ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ބުރުންޏަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަށް ދަތިވެފައި ހުރި ކަންކަން ހައްލުކޮށްދިނުމުގައި ވަރަށް ސަމާލުކަން ދީގެން ހައްލު ގެނެސްދެއްވާނެ ކަމަށާއި އެކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.
އެ ރަށުގެ ކައުންސިލްގެ ރައީސް ފާހަގަކުރެއްވި ކަންކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށް ގިރުމުގެ މައްސަލަ ކަމަށާއި އެކަމުގެ ސަބަބުން އާންމު ދިރިއުޅުމަށާއި ރަށަށް ބޮޑެތި ގެއްލުންތަކެއް ވެ، ލޯކަލް ޓޫރިޒަމް ކުރިއަރުވަންވެސް ހުރަސްތަކެއް އެޅިގެންދާ ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވީ ފަރުދުނާއި ކުންފުނިތައް ބާރުވެރިކުރުވާ، އިގްތިސޯދީ ކުރިއެރުންތައް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހިމެނޭ މުހިއްމު ކަމެއް ކަމަށާއި އެ ރަށުގައި ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް ރަނގަޅު މަސައްކަތްތަކެއް ހިންގަމުންދާއިރުގައި އެއަށް ހުރަސްތަކެއް އެޅުގެން ދިއުމަކީ ބޭނުން ގޮތެއް ނޫން ކަމަށެވެ. އަދި ރަށް ގިރުމުގެ ސަބަބުން ރަށަށް ބޮޑު ގެއްލުންތަކެއް ލިބެމުން ދިއުމަކީ ވެސް އެއްގޮތަކަށްވެސް ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ބުރުނީގައި ހުއްޓިފައި އޮތް އެ މަޝްރޫއު އަވަހަށް ފެށި، އަވަހަށް ނިންމުމަށްޓަކައި ބޭނުންވާނެ ކަންތައްތައް ސަރުކާރުގެ ތެރެއިން މިނިސްޓްރީ މެދުވެރިކޮށް ކުންފުންޏާ ވާހަކަ ދައްކައިގެން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އަވަހަށް ކުރިއަށް ގެންގޮސް ރައްޔިތުން ބޭނުންވާ ގޮތަށް ނިންމަދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
ރައީސް ވިދާޅުވީ ދެން އެކަމާ ގުޅިފައިވާ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު މިދިޔަ ސަރުކާރުގައި ސޮއިކުރެވިފައިވާ ކަމަށާއި އެގޮތަށް ސޮއިކުރެވި އަމަލީ މަސައްކަތްތައް ނުފެންނަ ރަށްތައް ހިމެނޭ ކަމަށެވެ. އަދި އެ މަޝްރޫއުތަކަކީ ކޮންމެވެސް ވަރަކަށް ބަޖެޓުގައި ފައިސާ ހިމަނާފައިވާ މަޝްރޫއުތަކެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރުގެ ބަޖެޓު އޮތީ މިހާރު އޮތް މަޖިލީހުގެ ދައުރުގެ ތެރޭގައި މިދިޔަ ސަރުކާރުން ހުށަހަޅާފައި ބަޖެޓެއް ކަމަށާއި ލިބުނު ކުޑަ ފުރުސަތުގައި މި ސަރުކާރުން ކުޑަ ކުޑަ ބަދަލުތައް ގެނެވުނު ނަމަވެސް އެ ބަޖެޓަކީ މި ސަރުކާރުގެ ޕްލޭންގެ ތެރެއިން ބޭނުންވާ ފެންވަރަށް ފުރުސަތު ލިބުނު ބަޖެޓެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ މިހެން ހުއްޓިފައިވާ މަޝްރޫއުތައް ކުރިއަށްގެންދަން އެންމެ އެކަށީގެންވާ ޖާގައެއް މި ބަޖެޓުގައި ނެތި، އިގްތިސޯދީ ގޮތުން ކުންފުނިތަކަށް ކުރިމަތިވެފައިވާ ހާލަތުގެ ސަބަބުންވެސް ދަތިތަކެއް ހުރި ނަމަވެސް މިހުންނަ މުހިއްމު މަޝްރޫއުތަކަށް އިސްކަން ދިނުމަކީ އެމަނިކުފާނުގެ ސިޔާސަތެއް ކަމަށެވެ.
ރައީސް ވަނީ ބައިވަރު މަޝްރޫއުތަކެއްގައި ސޮއިކުރެވި، ބައިވަރު މަޝްރޫއުތަކެއް ފަށަން ޖެހިފައި ހުރިއިރު ކައުންސިލާއި ކަމާބެހޭ އިދާރާތަކާ މަޝްވަރާކުރެވިގެން އެންމެ މުހިއްމު ކަންކަން ތަރުތީބުކުރުމަށް އެދިވަޑައިގެންފައެވެ.
ރައީސް އިތުރަށް ވިދާޅުވީ އެ ރަށުގައި ލޯކަލް ޓޫރިޒަމް ފުޅާވާތަން ދެކެން ބޭނުންވެވަޑައިގަންނަވާ ކަމަށާއި އެކަން ކުރިއަރުވަން ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ރަށާއި ވިޔަފާރިވެރިންނާއި ކައުންސިލަށް ދެއްވާނެ ކަމަށެވެ.