އަލަށް ހަދާ މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް އިސްލާމިކް މިނިސްޓްރީ އިން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އަލަށް އިމާރާތްކުރާ މިސްކިތްތަކުގެ އަސާސީކަމެއްގެ ގޮތުގައި ސޯލާ ޕެނަލް ހަރުކުރަން ނިންމާފައިވާކަމަށެވެ. އަދި މިކަމުގެ ސަަބަބުން މިސްކިތްތައް އޭސީ ކުރުމަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މިސްކިތް ނިމޭއިރު، ސޯލާ ޕެނަލް ހަރުކުރުމަކީ މަޝްރޫއުގެ ބައެއްގެ ގޮތުގައި މިއަހަރުން ފެށިގެން ކުރިއަށް ދާނެ، މިކަމުގެ ސަބަބުން މިސްކިތްތައް އޭސީ ކުރަން ބޮޑު ލުޔެއް ލިބިގެންދާނެ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

މި ސަރުކާރުން ވަނީ މިސްކިތްތައް ރީތިކޮށް ބޭއްވުމަށާއި މިސްކިތްތަކުގެ އެހެނިހެން ކަންކަން ކުރުމަށްޓަކައި 15 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ހަމަޖައްސާފައެވެ. މިއީ ކުރިން ހަމަޖައްސާފައިވާ ބަޖެޓަށް ވުރެ ބޮޑު ބަޖެޓެކެވެ.

އަމިއްލަ ހަރަދުގައި އެސްޖޭއިން ޒިކުރާ މިސްކިތް އެޅުމަށްވެސް މި އަހަރު ވަނީ ސޮއިކޮށްފައެވެ. މި މިސްކިތް 3 ބުރިއަށް ހަދަން ނިންމާފައިވާއިރު އިތުރު ދެ ފަރާތަކުން ހުޅުމާލޭގައި ދެ މިސްކިތެއް ހިލޭ އަޅަންވެސް ވަނީ އެއްބަސްވެފަައެވެ. ހުޅުމާލޭގައި ހަދާ މި ދެ މިސްކިތަކީ 2000 ނުވަތަ 3000 މީހުންނަށް ނަމާދުކުރެވޭ ވަރުގެ މިސްކިތްތައް ކަމަށާއި އެ މިސްކިތްތައް ހެދިގެންދާނީ އެކި މަރުހަލާތަކަށް ބެހިގެން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ޝަހީމް ވިދާޅުވީ އެ މަޝްރޫއު 2 އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް ބެލެވޭ ކަމަށާއި އަދި އަހަރެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އަޅަމުންދާ މިސްކިތްތައް ނިމޭއިރު ހުޅުމާލެ 2 ވަނަ ފިޔަވަހީގައި މިހާރު މުނިހޯމް ކެއާއިން އަޅަމުންދާ 1500 މީހުންގެ ޖާގައިގެ މިސްކިތް މި ރޯދަ މަހަށް ހުޅުވިގެންދާނެ ކަމަށެވެ.