ދިވެހިރާއްޖޭގެ އިގްތިސާދު މިހާރު ހުރީ ރަނގަޅު މިސްރާބަށްކަމަށް ވަލްޑް ބޭންކާއި އައިއެމްއެފް އިން ފާހަގަކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ދިޔަމިގިލީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރުމަށް ވަރަށްބޮޑު، ބުރަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.

ރާއްޖެއަށް އަންނަ، ކަމާގުޅޭ ބައިނަލްއަގްވާމީ އެކިއެކި އިދާރާތަކުންވެސް އެކަން ބަލައިގަންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ރައްޔިތުންވެސް ރިޔާސީ ކެމްޕެއިންގައި އެ މަނިކުފާނު ހުށަހެޅުއްވި އިގްތިސާދީ މެނިފެސްޓޯ ބަލައިގަންނަކަމަށެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ ދާދިފަހުން އައިއެމްއެފް އަދި ވަލްޑް ބޭންކުގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި ރާއްޖެއިން އިސްނަގައިގެން ހުށަހަޅާފައި ހުރި އިގްތިސާދީ ހުރިހާ ކަމެއް، އެއީ ރާއްޖޭގައި މިހާރު މި އޮތް އިގްތިސާދީ ހާލަތުން އަރައިގަތުމަށް އޮތް ހައްލުކަމުގައި ބަލައިގަންނަކަމަށެވެ. އަދި އެކަމަށް އެބޭފުޅުން އެއްބާރުލެއްވުން ދެއްވާނެކަމަށް ވިދާޅުވެފައިވާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.