ރައްޔިތުންގެ މަޖިލީހުން ރުހުން ނުދީ ފޮނުވާލި ތިން ވަޒީރުންގެ ނަންތަކަށް ރުހުން ހޯދަން މަޖިލީހަށް އަލުން ފޮނުވައިފިއެވެ.

މިދިޔަ މަހުގެ 29 ގައި ދައުރުން ބޭރުން ބޭއްވި މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ ރުހުން ނުލިބުނު ތިން ވަޒީރުންނަކީ:

  • ބަންޑާރަނައިބު އަހްމަދު އުޝާމް
  • އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
  • ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު

ނަމަވެސް އެ ދުވަހުގެ ހަވީރު އެ ތިން ވަޒީރުން ވަނީ އަލުން އައްޔަނުކުރައްވައިފައެވެ.

މި ވަޒީރުންނަށް ރުހުން ދިނުމަށް އެދި ސަރުކާރުން އަލުން ފޮނުވާފައިވާ ކަން، މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ

ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރެއްވި ވަޒީރުންގެ ތެރެއިން އިިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މަޖިލިސް މެންބަރުން ވަކިވަކިން ކުރެއްވި މަޝްވަރާތަކުގައި ނިންމީ ޝަހީމަށާއި އުޝާމަށާއި ހައިދަރަށް ރުހުން ނުދިނުމަށެވެ. އެ ތިން ބޭފުޅުންނަށް ރުހުން ނުދޭން ދެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ވެސް ވަނީ ނެރެފައެވެ.

އެހެންކަމުން އެ ތިން ބޭފުޅުންނަށް މަޖިލީހުން ރުހުން ނުލިބުނީ އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މެންބަރުން ރުހުން ނުދޭން ފެންނަ ކަމަށް ވޯޓު ދިނުމުންނެވެ. އެ ތިން ބޭފުޅުންނަށް މަޖިލީހުގެ މެންބަރުން ވޯޓު ދިން ގޮތަށް ބަލާއިރު

  • އުޝާމް: ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 44
  • ޝަހީމް: ފެންނަ ކަމަށް 30، ނުފެންނަ ކަމަށް 31، ވަކިކޮޅަކަށް ދޭން ބޭނުންނުވާ 8
  • ހައިދަރު: ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 46