އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމާއި ބަންޑާރަނައިބު އަހްމަދު އުޝާމާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ފިޔަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒު ދެން އައްޔަނުކުރެއްވި ވަޒީރުންނަށް މަޖިލީހުން ރުހުންދީފިއެވެ.

ވަޒީރުންނަށް ރުހުންދިނުމަށް ތާވަލުކޮށް މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާ އެއް ބާއްވަން އެންމެ ފުރަތަމަ ނިންމީ އިއްޔެ ހެނދުނެވެ. އެކަމަކު މެންދުރުފަހު 1:30 ގައި ވަޒީރުންނަށް ރުހުންދިނުމަށް ވޯޓަށް އަހަން އޮތް ވަގުތު ސަރުކާރު މެންބަރުން ހުރަސް އެޅުމުން، ޖަލްސާ ކުރިއަށްދާ ގޮތެއް ނުވިއެވެ. އެހެންވެ ރޭ 8 ޖަހާއިރު ޖަލްސާ އަލުން ފެށި ނަމަވެސް ކުރިއަށް ނުދިޔައެވެ.

އެންމެ ފަހުން ވަޒީރުންނަށް ރުހުންދިނުން މިއަދު 1 ޖަހާއިރަށް ތާވަލުކޮށް، ވަނީ ކުރިއަށް ގެންގޮސްފައެވެ. ދުންމާރީގެ އަޑާ އެކު މިއަދުގެ ޖަލްސާ ފެށި ނަމަވެސް، 15 މިނެޓެއްހާ އިރު ފަހުން އަމާންކަމާ އެކު ވޯޓުލުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއަދުގެ ޖަލްސާގައި

ޝަހީމަށާއި އުޝާމަށާއި ހައިދަރަށް ރުހުމެއް ނުދިން

ރައީސް އައްޔަނުކުރެއްވި ވަޒީރުންގެ ތެރެއިން އިިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުންގެ މަޖިލިސް މެންބަރުން ވަކިވަކިން ކުރެއްވި މަޝްވަރާތަކުގައި ނިންމީ ޝަހީމަށާއި އުޝާމަށާއި ހައިދަރަށް ރުހުން ނުދިނުމަށެވެ. އެ ތިން ބޭފުޅުންނަށް ރުހުން ނުދޭން ދެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕުން ތްރީލައިން ވިޕެއް ވެސް ވަނީ ނެރެފައެވެ.

އެހެންކަމުން އެ ތިން ބޭފުޅުންނަށް މެންބަރުން ވޯޓު ދެއްވި ގޮތަށް ބަލާއިރު

  • އުޝާމް: ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 44
  • ޝަހީމް: ފެންނަ ކަމަށް 30، ނުފެންނަ ކަމަށް 31، ވަކިކޮޅަކަށް ދޭން ބޭނުންނުވާ 8
  • ހައިދަރު: ފެންނަ ކަމަށް 24، ނުފެންނަ ކަމަށް 46

ރުހުން ނުދޭނެ ކަމަށް ބުނި ސައީދަށާއި ޒަމީރަށް ރުހުން

ޝަހީމާއި އުޝާމާއި ހައިދަރުގެ އިތުރުން، އެމްޑީޕީން ރުހުން ނުދޭން ދެން ނިންމީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށެވެ. އެކަމަކު 37 މެންބަރުންގެ ރުހުމާ އެކު ސައީދުގެ ނަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ. 32 މެންބަރަކު އޭނާ އަށް ރުހުން ނުދޭން ނިންމައި މިއަދު ވޯޓު ދިނެވެ. މިއަދުގެ ޖަލްސާގައި އެންމެ މަދުން ވޯޓު ލިބިގެން ރުހުން ލިބުނީ ސައީދަށެވެ.

އޭގެ އަނެއް ކޮޅުން، ބައެއް މަސްދަރުތަކުގައިވާ ގޮތުން ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދޭން ޑިމޮކްރެޓުން ނިންމިއެވެ. އެކަމަކު މަޖިލީހަށް ހާޒިރުވި 71 މެންބަރުންގެ ތެރެއިން ވޯޓު ދިން 70 މެންބަރުންގެ އިއްތިފާގުން ޒަމީރުގެ ނަން މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

ރުހުން ދިން ވަޒީރުންގެ ތެރެއިން އެންމެ މަދުން ވޯޓު ލިބުނު ވަޒީރުން:

  • ސައީދު: ފެންނަ ކަމަށް 37، ނުފެންނަ ކަމަށް 32
  • އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު: ފެންނަ ކަމަށް 55، ނުފެންނަ ކަމަށް 9، ވަކިކޮޅަކަށް ދޭން ބޭނުންނުވާ 1
  • ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް: ފެންނަ ކަމަށް 57، ނުފެންނަ ކަމަށް 2، ވަކިކޮޅަކަށް ދޭން ބޭނުންނުވާ 1

ދެން ތިއްބެވި ވަޒީރުންނަށް މެންބަރުން ވޯޓު ދެއްވި ގޮތް (ހާޒިރުވި މެންބަރުން: 71):

  • ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން: ފެންނަ ކަމަށް 71
  • ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން: ފެންނަ ކަމަށް 68، ނުފެންނަ ކަމަށް 1
  • ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: ފެންނަ ކަމަށް 70
  • ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް: ފެންނަ ކަމަށް 69، ވަކިކޮޅަކަށް ދޭން ބޭނުންނުވާ 1
  • ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް: ފެންނަ ކަމަށް 69
  • ސޯޝަލް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް: ފެންނަ ކަމަށް 69
  • ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: ފެންނަ ކަމަށް 70
  • އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމް: ފެންނަ ކަމަށް 69
  • ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން: ފެންނަ ކަމަށް 67، ނުފެންނަ ކަމަށް 1
  • ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް: ފެންނަ ކަމަށް 63
  • ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ: ފެންނަ ކަމަށް 66، ނުފެންނަ ކަމަށް 1
  • ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު: ފެންނަ ކަމަށް 70
  • އެގްރިކަލްޗާ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ: ފެންނަ ކަމަށް 70
  • ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު: ފެންނަ ކަމަށް 68
  • ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު: ފެންނަ ކަމަށް 70