ދައުލަތުގެ ހަރަދުގައި ދެން ހައްޖަށް ދެވޭނީ އުމުރުން 69 އަހަރު ނުވާ މީހުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުން ހިލޭ ފަރުޟު ހައްޖަށް މީހުން ގެންދާނެ ގޮތުގެ އުސޫލު އާންމުކުރަމުން އިސްލާމިކް މިނިސްޓްރީން މިއަދު ވަނީ ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާނެ ފަރާތްތައް ބަޔާންކޮށްފައެވެ. އެގޮތުން އެއީ ފަރުޟު ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހުންނާއި، އެ އަހަރެއްގެ އުމުރުފުރާއަށް ފެތޭ މީހުންނާއި، ހައްޖު އަދާކުރެވޭނެފަދަ ސިއްހަތެއް ލިބިފައިވާ މީހުންގެ އިތުރުން މުދަލު ޒަކާތް ބަހާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުންނެވެ.

ކޮންމެ އަހަރަކު ރައީސުލް ޖުމްހޫރިއްޔާގެ އިރުޝާދުގެ މަތިން ދައުލަތުގެ ފަރާތުން ހިލޭ ހައްޖަށް ގެންދާނެ ފަރާތްތަކުގެ އަދަދު ކަނޑައަޅާނީ އިސްލާމިކް މިނިސްޓްރީންނެވެ.

މި ފަރާތްތައް ހައްޖަށް ގެންދިއުމަށްޓަކައި ހިނގާ ހަރަދު ހަމަޖައްސާނީ ޒަކާތު ފަންޑުން ނުވަތަ ދައުލަތުގެ ބަޖެޓުން ނުވަތަ ހެޔޮ އެދޭ ފަރާތެއް ފޯރުކޮށްދޭ މާލީ އެހީގައެވެ. އަދި މިފަދައިން ލިބޭ ފައިސާ ޖަމާކުރަންޖެހޭނީ އިސްލާމިކް މިނިސްޓްރީގެ ކަމާ ގުޅުން ހުރި ފަންޑަށްކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ދައުލަތުގެ ފަރާތުން ހިލޭ ހައްޖަށް ގެއްދާނެ ގޮތުގެ އުސޫލަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާފައިވާއިރު އެއްވެސް ސަބަބަކާހުރެ ހައްޖަށް ދިއުމަށް ދައުލަތުން ފުރުސަތު ދިން ފަރާތަކަށް ނުދެވިއްޖެނަމަ އެހާލަތުގައި އަމަލު ކުރާނެ ގޮތް ނިންމާނީ އުސޫލުގެ ދަށުން ހަދާ ކޮމިޓީ އަކުންނެވެ.