ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް މަގާމުން ވަކިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ބާތިލްކުރަން ސަރުކާރުން ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފިއެވެ.
އެ އިސްލާހު ބާތިލްކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ މަހުގައެވެ. އެ މައްސަލަ ބަލައިގަތުމަށް އެ ކޯޓުން ނިންމީ ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ތާވަލެއް ނުކުރެއެވެ.
ގާނޫނުއަސާސީގެ 100 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސް މަގާމުން ވަކި ކުރުމަށް މަޖިލީހުގެ ތިންބައިކުޅަ ދެބައި މެންބަރުން ސަބަބު ބަޔާން ކޮށް މަޖިލީހަށް މައްސަލަ ހުށަހަޅަންޖެހޭއިރު ގާނޫނު އަސާސީ އާއި މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ރައީސާއި ނައިބު ރައީސް މަގާމުން ދުރުކުރަން ފާސް ކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި މެންބަރުންގެ ވޯޓުންނެވެ. އެއީ 87 މެންބަރުންގެ ތެރެއިން 58 މެންބަރުންނެވެ.
ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އެމްޑީޕީން ކުރަމުންދާ މަސައްކަތާ ގުޅޭ ގޮތުން ސަރުކާރު ހިންގާ ކޯލިޝަނުން ބުނެފައި ވަނީ، އިތުބާރު ނެތް ކަމަށް ހުށަހަޅައި ރައީސް ޑރ. މުއިއްޒު މަގާމުން ވަކިކުރަން މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ބޭނުން ވިޔަސް އެ ފުރުސަތު މަޖިލީސް ތެރެއިން ނުދޭނެ ކަމަށެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެނައީ އާ ސަރުކާރުގެ ބައެއް މަގާމުތަކަށް ވަޑައިގަތުމަށް މަޖިލީހުގެ ބައެއް މެންބަރުން އިސްތިއުފާ ދެއްވާފައި ވާތީ މަޖިލީހުގެ ހަތް ގޮނޑިއެއް ހުސްވެފައި އޮތުމުންނެވެ. އެހެންކަމުން އެ އިސްލާހުގެ ދަށުން އެމްޑީޕީ މެންބަރުންގެ ވޯޓުން ރައީސް ވަކި ކުރުމުގެ ފުރުސަތު އޮންނާނެ އެވެ.