ގެދޮރުވެރިޔާ ސްކީމުގެ ދަށުން، އެންމެ ފުރަތަމަ ދޫކުރާ ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު މުރާޖައާ ކުރުމާއި ފްލެޓް ދިނުމުގެ އުސޫލުތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އިތުރު ލަފަޔާއި މަޝްވަރާ ހޯދައިިފިއެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެ ސްކީމްގެ ދަށުން ފުރަތަމަ ދޫކުރާ 4،000 ފުލެޓު ދޫކުރުމަށް ހުއްދަ ދިނުމަށް ފަހު އޭސީސީން ފޮނުވި ސިޓީ އާ ގުޅިގެން އިތުރު ލަފަޔާއި މަޝްވަރާ ހޯދަން މިއަދު މިނިސްޓަރު އެ ކޮމިޝަންގެ މެންބަރުންނާ ބައްދަލު ކުރެއްވި ކަމަށެވެ.

އަދި އެކަމުގެ މައުލޫމާތު ކުރިއަށްއޮތް ތަނުގައި ހާމަކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ދާއިމީ ލިސްޓު ފުރަތަމަ އާންމުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ހަތަރުވަނަ ދުވަހުއެވެ. ނަމަވެސް ފުލެޓު ދިނުމުގައި ހަމަހަމަކަން ނެތްކަމަށް ބުނެ ފުލެޓަށް ކުރިމަތިލި ގިނަބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރަން ފެށުމުން ވަނީ، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައެވެ.

އެކަމާއި ގުޅިގެން އޭސީސީން މީގެ ކުރިން އޮތީ ފުލެޓުތައް ހަވާލުކުރުން ހުއްޓުވާލައިފައެވެ. އެ މައްސަލައިގެ ތަހުގީގު ލަސްވާތީ ފުލެޓު ލިބުނު މީހުން އައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ނަމަވެސް، އެ ފުލެޓުތައް ދޫކުރުމުގެ ހުއްދަ އޭސީސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދީފައެވެ. އޭސީސީން މިނިސްޓްރީއަށް އެންގީ، ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން އަމަލުކުރުމަށެވެ.

ގިރާވަރުފަޅާއި ގުޅީފަޅުންނާއި ހުޅުމާލެ ފޭސް ތިނަކުން ގޯތި ލިބިފައިވާ ހުރިހާ ރައްޔިތުންނަށް ގޯތި ލިބުނުކަމުގެ ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.