މާލެ ސަރަހައްދުން ގޯތި ލިބުނު ހުރިހާ އެންމެންގެ ގޯތިތަކުގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް ބާރު މިނުގައި ކުރަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ފަށާފައިވާ "ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން، މާލެ ސިޓީ، ހ.މެލްބާން، އިބްރާހީމް ސަމާހު ރައީސް އަށް އަމާޒު ކުރެއްވި ސުވާލަކީ ނިމިދިޔަ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދީފައިވާ ގޯތިތަށް ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާގޮތާމެދު އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެއީ ވަރަށް ގިނަ ރައްޔިތުންނާ ގުޅިފައިވާ މައްސަލައެއް ކަމަށާއި ގުޅިފަޅުން އަދި ގިރާވަރުފަޅުން ވެސް ގޯތި ލިބުނު ހުރިހާ ފަރާތްތަކަށް ގޯތިތަކަށް ދޭންޖެހޭ ލިޔެކިޔުމުގެ ކަންތައްތައް ހަލުވި މިނެއްގައި ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުންވެސް ހުޅުމާލޭގެ ފަޅުތެރެއިން ހިއްކަމުންދާ ބައިން ދޫކޮށްފައި ހުރި ގޯތިތައްވެސް އެއްވެސް ފަރާތެއް ބާކީނުކޮށް ހުރިހާ އެންމެންނަށް ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ނުހިއްކާ ސަރަހައްދުން ދޫކޯށްފައިވާ ގޯއްޗަކަށް ގާނޫނީ ގޮތުން ރަޖިސްޓްރީއެއް ހެދެނީ ބިން ހިއްކުނީމައި. ނަމަވެސް ވަގުތީ ރަގިސްޓްރީއެއް، އެ ގޯތި ލިބުނު ކަމުގެ ޔަގީންވާވަރުގެ ލިޔުމެއް ދޫ ކުރުމުގެ މަސައްކަތްވެސް ކުރިއަށް އެބަދޭ. އެހެންވީމާ ގުޅިފަޅުންވިޔަސް ގިރާވަރު ފަޅުންވިޔަސް އަދި ހުޅުމާލޭގެ ފަޅު ތެރެއިން ހިއްކަމުންދާ ބައިން ވިޔަސް ދޫކޮށްފައިވާ ހުރިހާ އެންމެންނަށް ބާކީ ކުރުމެއް ނެތި ލިޔުމާއި ރަޖިސްޓްރީ ދޫކުރުމުގެ މަސައްކަތް ބާރަށް އެބަ ކުރިއަށްދޭ" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ބިންވެރިޔާ ސްކީމްގެ ދަށުން ނިމިދިޔަ ސަރުކާރުން މާލެ ސަރަހައްދުން ދިން ގޯތިތަކުގެ ރަޖިސްޓްރީ ހަވާލު ކުރުމުގެ މަސައްކަތް މިމަހުގެ 1 ވަނަ ދުވަހު ވަނީ ފަށާފައެވެ.

މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކުގެ ދާއިމީ ލިސްޓް އާންމު ކުރި އިރު، ގޯތި ލިބުމަށް ޝަރުތު ހަމަވާ 19،631 މީހުން ތިބިއިރު އޭގެތެރެއިން 18،948 ފަރާތަކަށް ވަނީ ގޯތިދީފައެވެ. އޭގެ ތެރެއިން ގުޅިފަޅުން 2،218 ގޯތި ދޫކޮށްފައިވާއިރު ހުޅުމާލެއިން 1،351 ގޯއްޗާއި ގިރާވަރުފަޅުން 5،432 ގޯތި ވަނީ ދޫކޮށްފައެވެ.