މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް، އިލެކްޝަން ކޮމިޝަނަށް ކެންޑިޑޭޓުން ހުށަހަޅާ ފޯމުގެ ޖަވާބު އެ ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމު އެ ކޮމިޝަނުން ހަމަޖައްސައިފިއެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުތައް ބުނާގޮތުން، އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓު ފޯމު ހުށައަޅާތާ 48 ގަޑިއިރުތެރޭ، އެ ކެންޑިޑޭޓަކަށް އިންތިހާބުގައި ވާދަކުރެވޭކަން ނުވަތަ ނޫންކަން އަންގަން ޖެހެއެވެ. އެ މުއްދަތުގައި ޖަވާބެއް ނުދީފިނަމަ، އޮޓަމެޓިކުން އެމީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް އެ ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ފޯމު ހުށައަޅާ ދުވަހު، ރޭގަނޑު 8 ޖެހުމުގެ ކުރިން ކެންޑިޑެސީ ބަލައިގެންފިކަން ނުވަތަ ނޫންކަން ފޯމު ހުށައެޅި ފަރާތައް އަންގާނެ ކަމަށެވެ. އިލެކްޝަން ކޮމިޝަނުން ބުނީ ގާނޫނުގައި ކަނޑައަޅާ މުއްދަތަށް ވުރެ ހަތަރުގުނަ އަވަސް ހިދުމަތެއް ދިނުމަށް އެ ކޮމިޝަނުން ވަރަށް ބޮޑަށް ތައްޔާރު ވެފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޖެނުއަރީ 30 އިން ފެބުރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާއިރު މިހާތަނަށް އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅާފައި ވަނީ އަދި 3 ކެންޑިޑޭޓުންނެވެ.