މާޗު 17 ގައި އޮންނަ މަޖިލިސް އިންތިހާބު އެމްޑީޕީއިން ކާމިޔާބު ކުރުމަށްޓަކައި ޕްރައިމަރީގައި ވާދަކުރެއްވި އެންމެހާ ބޭފުޅުން އެކީ މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ސާލިހު ވަނީ ޕްރައިމަރީގެ ޓިކެޓު ކާމިޔާބު ކުރި ފަރާތްތަކަށް މަރުހަބާ ވިދާޅުވެ، ޕްރައިމަރީގެ ކަންކަން އިންތިޒާމުކުރި އެމްޑީޕީގެ އެންމެހާ ފަރާތްތަކަށާއި ވޯޓު ލީ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

މަޖިލިސް އިންތިހާބަށް ތައްޔާރުވުމަށް އެމްޑީޕީން ބާއްވާ އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ބައްލަވާލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންވެސް ރައީސް ސާލިހު ވަނީ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށެވެ.

އެމްޑީޕީއަކީ އަބަދުވެސް ވަރަށް ރަނގަޅަށް އިންތިޒާމްވެގެން ކެންޕޭންކުރާ ބައެއް. މި ފަހަރުގެ އިންތިހާބުގަ ވެސް އަޅުގަނޑުމެން އެގޮތަށް އިންތިޒާމްތައް ރާވަމުން މިގެންދަނީ. މަޖިިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ލިބޭ މަންޒަރު ފެންނަން ފަށައިފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެމްޑީޕީން ވަނީ 40 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާފައެވެ. މިޕްރައިމަރީގައި 149 ކެންޑިޑޭޓުން ވާދަކުރާއިރު 95 ރަށެއްގައި ވޯޓު ފޮށި އަދި މާލޭގައި 27 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މި ޕްރައިމަރީގައި 25،325 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

2019 ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެ އިންތިހާބުގައި އެ ޕާޓީން ވަނީ 87 ދާއިރާގެ ތެރެެއިން 65 ދާއިރާ ކާމިޔާބުކޮށްފައެވެ. އެއީ އެއް ޕާޓީއަކަށް އެހާ ބޮޑު މެޖޯރިޓީއެއް ލިބުނު ހަމައެކަނި ފަހަރެވެ.