ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ކުރިއަށްދާ ކަމަށް އެ ޕާޓީއިން ބުނެފިއެވެ.

އެ ޕާޓީއިން މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި އެއް ކެނޑިޑޭޓަކަށްވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ ދެ ދާއިރާއަކުންނެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާއެވެ.

މިއަދު ހެނދުނު 9 އިން ހަވީރު 5 ޖެހުމުގެ ނިޔަލަށް އެ ޕާޓީގެ ޕްރައިމަރީ ކުރިއަށްގެންދާއިރު އެ ޕާޓީއިން ބުނީ މެންދުރުފަހު 1 ޖެހުމުގެ ނިޔަލަށް ހުޅުމާލެ ދެކުނު ދާއިރާއަށް 80 މީހަކު ވޯޓުލާފައިވާ ކަމަށާއި ހެންްވޭރު ދެކުނު ދާއިރާގެ 13 މީހަކު ވޯޓުލާފައިވާ ކަމަށެވެ.

ދަ ޑިމޮކްރެޓްސްގެ ހެންވޭރު ދެކުނު ދާއިރާގެ މީހުންނަށް ވޯޓުލުމަށް ހަމަޖެހިފައިވަނީ ހައުސް އޮފް ޑިމޮކްރެޓްސްގައި ކަމަށްވާއިރު ހުޅުމާލެ ދެކުނު ދާއިރާގެ އެ ޕާޓީގެ މީހުން ވޯޓުލުމަށް ހަމަޖެހިފައިވަނީ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައެވެ.

ދަ ޑިމޮކްރެޓްސްގެ އިތުރުން އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު 9 ޖަހާއިރު ފަށާފައި ވާއިރު މިއަދު ހަވީރު 5 ޖެހުމުގެ ނިޔަލަށް ވޯޓުލުން ކުރިއަށްދާނެ ކަމަށް އެ ޕާޓީއިން ވަނީ ބުނެފައެވެ. އަދި އެމްޑީޕީއިން ޕްރައިމަރީ ފަށާފައިވަނީ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެ ޕާޓީގެ 40 ދާއިރާއަކަށް ކެންޑިޑޭޓުން ހޮވުމަށް ކަމަށްވާއިރު ޖުމްލަ 148 ކެންޑިޑޭޓުން ވާދަކުރެއެވެ.

ދަ ޑިމޮކްރެޓްސްއާއި އެމްޑީޕީގެ ޕްރައިމަރީ މިއަދު ކުރިއަށް ގެންދާއިރު ސަރުކާރު ހިއްސާވާ، ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުރިއަށްގެންގޮސްފައެވެ.

ރައްޔިތުން މަޖިލީހުގެ އިންތިހާބު ބޭއްވުމަށް އަންނަ މާޗު މަހުގެ 17 ވަނަ ދުވަސް ކަމަށް ކަނޑައަޅާފައިވާއިރު އެ ދުވަހަކީ ރޯދަ މަހުގެ 6 ވަނަ ދުވަހަށްވުމުން އަދިވެސް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.