"މާހޯރާ 3" ނަމަކަށް ކިޔާ މަސް ދޯންޏަށް އަށް އިންޑިއާ ސިފައިން އަރާފައިވަނީ ހއ. މޮޅަދޫ ބޮއެ އާ 3 މޭލު ބޭރުން ކަން އެނގިއްޖެއެވެ.

އެކަމާ ގުޅިގެން ބޮޑު ކަންނެލި މަސްވެރިންގެ ޖަމިއްޔާ އިން ބުނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހއ އިހަވަންދޫ "މާހޯރާ 3" ނަމަކަށް ކިޔާ މަސް ދޯނި ދަތުރު ކުރަމުން ދަނިކޮށް ރާއްޖޭގެ ސަރަހައްދު ކަމަށްވާ މޮޅަދޫ ބޮޔާ 3 މޭލު ހިސާބުން ރޭގަނޑު 12 ޖެހިއިރު އިންޑިޔާގެ މަނަވަރެއް ކައިރިކޮށް ދޯންޏައް އަރާ ޗެކްކޮށް މަސްވެރިންނަށް ބިރުދައްކާފައިވާ ކަމަށެވެ.

"ދަންވަރު އިންޑިއަން ނޭވީގެ ކޯސްޓްގާރޑެއް ދޯންޏާ ކައިރިކޮށް ދޯނި ހުއްޓަން އަަންގައިފި. އަޅުގަނޑުމެން މަޑުނުކޮށް ދުއްވީމަ އިންޒާރު ދެމުން ފަހަތުން އައީ. އޭރު ހުރީ މޮޅަދޫ ބޮޔާ 3 މޭލު. ރޭންޖްވެސް ލިބޭ. އެކަމަކު ކޯސްޓްގާރޑު ކައިރި ކުރުމާއެކު ރޭންޖް ކެނޑިއްޖެ. ދެން އެއްވެސް ފަރާތަކަށް ގުޅޭގޮތެއްނުވި. އެމީހުން ހަތިޔާރާއެކު ހަރަކާތްތެރިވާން ފެށުމުން ދޯނި ހުއްޓީ ހަމަލާ ދީފާނެކަމަށް ބަލާފަ" ކެޔޮޅާ ހަވާލާދީ އިހަވަންދޫ މަސްވެރިން ބުންޏެވެ.

އެ ޖަމިއްޔާއިން ބުނީ އެ މައްސަލަ ދޯނީގެ ފަރާތުން ކޯސްޓްގާޑާ ހިއްސާކޮށްފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދިވެހި މަސްވެރިންނަށް ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.

މިދިޔަ ބުދަ ދުވަހު ހއ. ދިއްދޫގެ އިރު އުތުރުން 72 ނޯޓިކަލް މޭލު ބޭރުން ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަންކުރަމުން ދިޔަ އދ. މަހިބަދޫގެ 'އަސުރުމާ 03' ނަމަކަށް ކިޔާ ދޯންޏަށް އިންޑިއާ ސިފައިން އެރި ކަމަށް ބުނާ މައްސަލަ ވަނީ ފެންމަތިވެފައެވެ.

އެ ސަރަހައްދަށް ދިވެހި ސިފައިން ދިއުމުން 'އަސުރުމާ 03' ގެ އިތުރުން 'މާހޯރާ 3' އާއި 'ނިރު 7' އަށް އަރާފައި ވަނީ އިންޑިއާގެ ސިފައިން ކަމަށް ޑިފެންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ޑިފެންސް މިނިސްޓްރީއިން ބުނީ މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހުގެ ރޭ އިންޑިއާ ކޯސްޓްގާޑުގެ މަނަވަރަކުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަންކުރާ ދޯނިތަކަކަށް ބޯޑްކޮށްފައިވާތީ އެކަމާ ގުޅިގެން ދިވެހި ސަރުކާރުން އަދި ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރުން ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.