ކުރިއަށް އޮތް ރައްޔިތުން މަޖިލިސް އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ފޮޓޯއާއި ޕާޓީގެ ލޯގޯ ވޯޓު ކަރުދާހުގައި ޖަހަން ނިންމައިފިއެވެ.
އެކަން އިއުލާންކޮށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާފައިވާ ހުރިހާ ފަރާތެއްގެ ފޮޓޯއާއި ލޯގޯ ވޯޓު ކަރުދާހުގައިި ޖެހުމަށް މިދިޔަ ހަފްތާގައި އިލެކްޝަން ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ސިޔާސީ ޕާޓީތަކުގެ ޓިކެޓުގައި މަޖިލިސް އިންތިހާބަށް ވާދަކުރައްވާ ފަރާތެއްގެ ލޯގޯއަކަށްވާނީ އެ ޕާޓީއެއްގެ ލޯގޯ އެއް ކަމަށާއި އަމިއްލަގޮތުން ވާދަކުރައްވާ ފަރާތްތަކަށް އެބޭފުޅަކު ބޭނުންވާ ލޯގޯއެއް ވޯޓު ކަރުދާހުގައި ޖެހުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ހަބީބް ވަނީ ވިދާޅުވެފައެވެ.
އަމިއްލަގޮތުން ވާދަކުރައްވާ 2 ފަރާތަކަށް އެއްގޮތް ލޯގޯއެއް ބޭނުން ނުކުރެވޭނެކަމަށާއި އެފަދަ ހާލަަތެއް މެދުވެރިވެއްޖެނަމަ އެ ލޯގޯއެއް ފުރަތަމަ ހުށަހެޅި ފަރާތައް އެ ފުރުސަތު ލިބޭނެ ކަމަށް ހަބީބް ވިދާޅުވިއެވެ. އަދި ހަމައެހެންމެ އަމިއްލަ ފަރާތްތަކުން ވޯޓު ކަރުދާހުގައި ޖަހަން ނިންމާ ލޯގޯ ފާސް ކުރުމަށް އީސީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެއެވެ.
މިފަދައިން އިލެކްޝަން ކޮމިޝަނުން ނިންމި ނަމަވެސް ފޮޓޯއާއި ލޯގޯ ޖެހުމުގެ ފުރިހަމަ އިހްތިޔާރު އެ ކެންޑިޑޭޓަކަށް ލިބިގެންވާ ކަމަށް ހަބީބް ވިދާޅުވިއެވެ. ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވެސް ކެންޑިޑޭޓުންގެ ފޮޓޯ އާއި ލޯގޯ ވަނީ ބޭނުންކޮށްފައެވެ. ނަމަވެސް މިއީ ރައްޔިތުން މަޖިލީހުގެ އިންތިހާބެއްގައި ފޮޓޯ އާއި ލޯގޯ ބޭނުން ކުރާނެ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ ރަމަޟާން މަހުގެ 6 ވަނަ ދުވަހެވެ.