މިއަހަރު މާޗް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އާންމުން ހޭލުންތެރިކުރުމުގެ މަގުސަދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީސް އިންތިހާބާ ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ގިނަ މަސައްކަތްތަކެއް އީސީ އިން ކުރަމުން އަންނައިރު ރައްޔިތުން ހޭލުންތެރިކުރުމުގެ މަގުސަދުގައި، ކުޑަކުދިންގެ ހަވީރަކާ އެކު މަގުމަތީގެ ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާކަމަށް އީސީ އިން ވަނީ ބުނެފައެވެ. އީސީ އިން ބުނީ މި ހަރަކާތްތައް ކުރިއަށް ދާނީ މާދަމާ އަދި އޭގެ އަނެއް ދުވަހު (ހޮނިހިރު ދުވަހު) ކަމަށެވެ.
އީސީ އިން ބުނީ މާދަމާ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް މާލެ އާޓިފިޝަލް ބީޗްގައި ކުޑަކުދިންގެ ހަވީރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ހޮނިހިރު ދުވަހު ބާއްވާ ހަރަކާތްތައް ކުރިއަށް ދާނީ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށް ހުޅުމާލެ ފޭސް 2، ގެ ހިޔާ ޓަވަރު 07 އަދި ހިޔާ ޓަވަރު 11 އާއި ދެމެދު އޮންނަ (ހިޔާ ޕާކް ގްރައުންޑް ސަރަހައްދު)ގައި ކަމަށެވެ.
އަންނަ މާޗް މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 284،327 އަށް މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ.