މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ހަމާސް ޖަމާއަތުން ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ގާޒާއަށް ބޮން އަޅަން ފެށިތާ ހަފުތާތަކެއް ފަހުން ހުލޫދު މަހަމޭރު ވަނީ އޭނާގެ އަވަށް ދޫކޮށް ފިލާފައެވެ.

ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (ޔޫއެންއާރްޑަބްލިއުއޭ) ގެ މުވައްޒަފެއް ކަމަށްވާ މަހަމޭރު ގާޒާގެ އުތުރުން ދެކުނުގެ ސަރަހައްދަށް ބަދަލުވީ އެއް މިލިއަނަށް ވުރެ ގިނަ މީހުންނަށް އިޒްރޭލުން ދިން އަމުރަށް ބޯލަނބައިގެންނެވެ. އދއިން ކަންބޮޑުވީ އެ އެންގުމަކީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ބެލެވޭ އާބާދީއެއް ގަދަކަމުން ބަދަލުކުރާތީއެވެ. ނަމަވެސް މަހަމޭރު ބޭނުންވީ ހަމައެކަނި ސަލާމަތުން ދިރިހުންނާށެވެ.

މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނާއެކު ދިރިއުޅުން ބަދަލުކުރިތާ ހިނދުކޮޅެއް ފަހުން އެމީހުން ވަނީ މަރުވެފައެވެ. އެ އާއިލާ ތިބި ގެއަށް ބޮމުގެ ހަމަލާދިން އިރު މަހަމޭރު މަސައްކަތް ކުރަމުން އައީ މެޑިކަލް ސެކްރެޓަރީއެއްގެ މަގާމުގައި މިސްރުގެ ބޯޑަރު ކައިރީގައި ހުންނަ ކްލިނިކެއްގައެވެ.

"އެ އެންމެން ވެސް ޝަހީދުވީ." ދާދި ފަހުން ސްޕެއިނަށް ބަދަލުވި މަހަމޭރުގެ ކުރީގެ އެކުވެރިޔާ އަދި ޔޫއެންއާރްޑަބްލިއުއޭގެ ނަރުހެއް ކަމަށްވާ ހަލީމާ ލޯޒް ބުންޏެވެ.

ޔޫއެންއާރްޑަބްލިއުއޭއަށް ދިން ހަމަލާތައް

ފާއިތުވި ދުވަސްތަކުގައި އެމެރިކާ، ކެނެޑާ، އޮސްޓްރޭލިއާ، އިނގިރޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ނެދަލޭންޑްސް، ސްވިޒަލޭންޑް، ފިންލޭންޑް، އެސްޓޯނިއާ، ޖަޕާން، އޮސްޓްރިއާ އަދި ރޯމޭނިއާ ފަދަ ގައުމުތަކުން ވަނީ ވެކްސިން ޖެހުމުން ފެށިގެން ތައުލީމާ ހަމައަށް ފަލަސްތީނުން ހުރިހާ ކަމަކަށް ބަރޯސާވެފައިވާ އެޖެންސީ ޔޫއެންއާރްޑަބްލިއުއޭ އަށް ދޭ ފައިސާ ކަނޑާލާފައެވެ.

މިހެން ހަދާފައި މިވަނީ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު އިޒްރޭލުގެ ދެކުނުގައި ދިން ހަމަލާތަކުގައި 1،139 މީހުން މަރުވެ، 240 މީހުން ރަހީނުކުރުމުގައި އެ އެޖެންސީގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި ކަމަށް އިޒްރޭލުން ތުހުމަތުކޮށްފައި ވަނިކޮށެވެ. ޔޫއެންއާރުޑަބްލިއުއޭއިން އެ ކުންފުނީގެ ނުވަ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި މިވަނީ ގާޒާގައި މީހުން މެރުމުގެ އަމަލުތައް ހުއްޓުވުމަށް އެޅި ސިލްސިލާ ފިޔަވަޅުތަކުގެ ދަށުން މުހިންމު މާއްދާތައް އިއާދަކޮށް، ގާޒާއަށް ދޭ އެހީ އިތުރުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިޒްރޭލަށް އަމުރުކުރި ދުވަހުއެވެ.

އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫއެންއާރުޑަބްލިއުއޭގެ ފަލަސްތީނުގެ 152 މުވައްޒަފަކު ވަނީ ޝަހީދުވެފައި

"އައިސީޖޭގެ ހުކުމާ އެކު ވަގުތުން މި ތުހުމަތުތައް ފެންމަތިވުމަކީ އިއްތިފާގެއް ނޫން." ބައިނަލްއަގުވާމީ ގާނޫނުތަކާ ބެހޭ ފަލަސްތީނުގެ ގާނޫނީ މާހިރެއް ކަމަށްވާ ޑަޔާނާ ބުއްޓޫ ވިދާޅުވިއެވެ. "މިއީ އައިސީޖޭގެ ހުކުމުން އެއްކިބާވެ، ޔޫއެންއާރްޑަބްލިއުއޭއަށް ފޯކަސް ބަދަލުކޮށް، އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ނުވަތަ ޖަރީމާ ހުއްޓުވުމަށް ކުރާ މަސައްކަތްތައް ނިގުޅައިގަތުމުގެ ގޮތުން ކޮށްފައިވާ ކަމެއް." އޭނާ ތަފްސީލުކޮށްދެއްވިއެވެ.

ޔޫއެންއާރްޑަބްލިއުއޭގެ ކޮމިޝަނާ ޖެނެރަލް ފިލިޕް ލަޒާރީނީ ވިދާޅުވީ އެ އެޖެންސީއަށް ދޭ ފައިސާ ކަނޑާލުމަށް ބޮޑެތި އެހީދޭ ފަރާތްތަކުން ނިންމި ނިންމުމުގެ ސަބަބުން ގާޒާގެ ރައްޔިތުންގެ ހިތާމަ އިތުރަށް ބޮޑުވެގެންދާނެ ކަމަށެވެ.

"ގާޒާގެ ދެ މިލިއަން މީހުން ބަރޯސާވާ އަޅުގަނޑުމެންގެ އިންސާނީ އޮޕަރޭޝަން މިދަނީ ފުނޑުފުނޑުވަމުން. ގާޒާގައި ތިބި ފަލަސްތީނު މީހުންނަށް މި އިތުރު އަދަބެއް ބޭނުމެއް ނުވޭ. މިކަމުގެ ސަބަބުން އަޅުގަނޑުމެން އެންމެންނަށް ވެސް ލަދުވެތިކަން ލިބެނީ." އޭނާ ވިދާޅުވިއެވެ.

މިއީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ޔޫއެންއާރުޑަބްލިއުއޭއަށް ކުރިމަތިވި އެންމެ ފަހުގެ ގެއްލުމެވެ.

އިޒްރޭލުން ގާޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫއެންއާރުޑަބްލިއުއޭގެ ފަލަސްތީނުގެ 152 މުވައްޒަފަކު ޝަހީދުވެފައިވާއިރު، މިއީ 1945 ވަނަ އަހަރު ގާޒާ އުފެދުނު ފަހުން އދ.ގެ އެންމެ ގިނަ އަދަދެއްގެ މީހުން ޝަހީދުވި ފަހަރެވެ. ގާޒާގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ 1 މިލިއަނަށްވުރެ ގިނަ މީހުންނަށް ހިޔާވަހިކަން ދޭ ޔޫއެންއާރްޑަބްލިއުއޭ ހޮސްޕިޓަލްތަކަށާއި ސްކޫލްތަކަށް އިޒްރޭލުން ތަކުރާރުކޮށް ދެމުންގެންދާ ހަމަލާތަކުގައި ވަރަށް ގިނަ އަދަދެއްގެ މީހުން ވަނީ ޝަހީދުވެފައެވެ.

ޔޫއެންއާރްޑަބްލިއުއޭ އިން ބުނި ގޮތުގައި ހަނގުރާމަ ފެށި ފަހުން އިޒްރޭލުން ވަނީ އެ ގައުމުގެ ފެސިލިޓީތަކަށް 263 ފަހަރެއްގެ މަތިން ހަމަލާދީ 360 އާންމުން ޝަހީދުކޮށްލާފައެވެ. ޔޫއެންއާރްޑަބްލިއުއޭގެ މުވައްޒަފުންނަށާއި ފެސިލިޓީތަކަށް ދިން ހަމަލާތަކަކީ އިޒްރޭލުން އެ އިދާރާ ހަލާކުކުރުމަށް ކުރަމުންދާ މަސައްކަތުގެ ރަމްޒެއް ކަމަށް އެނަލިސްޓުންނާއި ފަލަސްތީނުގެ ރެފިއުޖީންނާއި ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނެއެވެ.

އެނބުރި އައުމުގެ ހައްގު

ޔޫއެންއާރުޑަބްލިއުއޭ އުފެދުނީ 1948 ވަނަ އަހަރު އިޒްރޭލު އުފެދުނު އިރު ފަލަސްތީނުގެ ހަތް ލައްކައަށްވުރެ ގިނަ މީހުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކުރުމަށްފަހު، އަރަބި ބަހުން ނަކްބާގެ ނަމުން ނަންދީފައިވާ ހަރަކާތަކުންނެވެ.

ގާޒާ، ހުޅަނގު އައްސޭރި، ސީރިއާ، ލުބްނާން އަދި އުރުދުންއަށް ގެދޮރު ގެއްލިފައިވާ ފަލަސްތީނު މީހުންނަކީ އދ.ގެ ގަރާރު 194 ގައި ބަޔާންކޮށްފައިވާ ފަދައިން އެމީހުންގެ ބިމަށް އެނބުރި ދިއުމުގެ ހައްގު ބޭނުންކުރެވެންދެން ތައުލީމާއި ސިއްހީ އަދި އެހެނިހެން ހިދުމަތްތައް ލިބެން ޖެހޭ ރެފިއުޖީންގެ ގޮތުގައި ބެލުމަށް އެ އެޖެންސީން ވަނީ ކަނޑައަޅާފައެވެ.

ޔޫއެންއާރުޑަބްލިއުއޭގައި ރަޖިސްޓްރީކޮށްފައިވާ ފަލަސްތީނުގެ ގާތްގަނޑަކަށް ހަ މިލިއަން ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމާ އިޒްރޭލުން ދެކޮޅު ހަދާ

ނަމަވެސް ޔޫއެންއާރުޑަބްލިއުއޭގައި ރަޖިސްޓްރީކޮށްފައިވާ ފަލަސްތީނުގެ ގާތްގަނޑަކަށް ހަ މިލިއަން ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމާ އިޒްރޭލުން ދެކޮޅު ހަދައެވެ. އޭގެ ބަދަލުގައި އިޒްރޭލުން ޔޫއެންއާރުޑަބްލިއުއޭ އުވާލުމަށް ހުޅަނގުގެ ދައުލަތްތަކަށް ބާރު ފޯރުވީ ދައުލަތެއް ނެތް ފަލަސްތީނުގެ ރެފިއުޖީންނަށް އެނބުރި އައުމުގެ ހައްގު ނިގުޅައިގަތުމުގެ ގޮތުން ކަމަށް ފަލަސްތީނުގެ ތިންކް ޓޭންކެއް ކަމަށްވާ އަލް ޝަބާކާގެ ގާނޫނީ އަދި ރެފިއުޖީ ތަޖުރިބާކާރެއް ކަމަށްވާ ޝާތާ އަބްދުލްސަމަދު ބުންޏެވެ.

އޭނާ ބުނީ ޔޫއެންއާރުޑަބްލިއުއޭ އަކީ ފަލަސްތީނުގެ ގެދޮރު ގެއްލިފައިވާ މީހުންގެ ހާލަތަށް އިންސާފުވެރި ހައްލެއް ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިގެން ހާއްސަ ގޮތެއްގައި މަސައްކަތް ކުރަމުން އަންނަ ބައެއް ކަމަށެވެ. އަދި އެމީހުންނަށް އަމާޒުކޮށްގެން ހަމަލާތައް ދިނުމުން ފަލަސްތީނުގެ ހައްގު ނިގުޅައިގަތުމަށް މަގުފަހިވެގެންދާނެކަމަށް އޭނާ ބުންޏެވެ.

2018 ވަނަ އަހަރު އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ވަނީ ޔޫއެންއާރުޑަބްލިއުއޭއަށް އެމެރިކާއިން ދޭ ހުރިހާ ފައިސާއެއް ކަނޑާލުމުން ބައިނަލްއަގުވާމީ ފާޑުކިޔުންތައް އަމާޒުވެފައެވެ. ނަމަވެސް ރައީސް ޖޯ ބައިޑަން ވަނީ ކެނެޑާ، ޖަރުމަނު، އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތް ފަދަ ގުޅިފައިވާ ގައުމުތަކުން އެ އެޖެންސީއަށް ދޭ އެހީ ހުއްޓުވުމުގައި ބައިވެރިވެވަޑައިގެންފައެވެ.

އިސްރާއީލުގެ އޮފިޝަލުން މިކަމަށް ތާއީދުކޮށްފައިވާއިރު، އިޒްރޭލުގެ ހާރިޖީ ވަޒީރު އިސްރާއީލް ކާޓްޒް ކުރި ޓުވީޓެއްގައި ބުނެފައިވަނީ ޔޫއެންއާރުޑަބްލިއުއޭ އަށް ރެފިއުޖީންގެ މައްސަލަ ދެމެހެއްޓެނިވި ގޮތެއްގައި ނުދެމެހެއްޓޭނެ ކަމުގެ އިންޒާރު އެތައް އަހަރެއް ވަންދެން އިޒްރޭލުން ދެމުން އަންނަ ކަމަށެވެ.

ހިއުމަން ރައިޓްސް ވޮޗްގެ އިޒްރޭލް-ފަލަސްތީން ޑިރެކްޓަރު އުމަރު ޝާކިރު ވިދާޅުވީ އިޒްރޭލު ސަރުކާރުން އެމީހުންގެ މަގްސަދުތައް ސިއްރު ނުކުރާ ކަމަށެވެ.

"ޔޫއެންއާރުޑަބްލިއުއޭގެ މަސައްކަތްތައް ހަނިކުރުމަށް އެތައް އަހަރެއް ވަންދެން ސިޔާސީ މަސައްކަތްތަކެއް ކޮށްފައިވާކަން ވަރަށް ސާފު." އުމަރު ވިދާޅުވީ މިއީ ޓްރަމްޕްގެ ވެރިކަމުގައި ހިނގާފައިވާ ކަމެއް ކަމަށާއި، އިޒްރޭލަށް ތާއީދުކުރާ ޖަމާއަތްތައް މުޅިން ވެސް ޔޫއެންއާރްޑަބްލިއުއޭއަށް ފޯކަސް ކުރަނީ ފަލަސްތީނުގެ ހައްގުތަކާއި ރެފިއުޖީންގެ ހައިސިއްޔަތުން އެ މީހުންގެ އަސާސީ ދަރަޖައާ ބެހޭ ގޮތުން އުފެދިފައިވާ ސުވާލު ތައް ލިކުއިޑޭޓް ކުރަން މަސައްކަތް ކުރާތީ ކަމަށެވެ.

ޔޫއެންއާރްޑަބްލިއުއޭއާ ދެކޮޅަށް ކެމްޕޭންނެއް

އިޒްރޭލުން ވެސް ބޭނުންވަނީ ގާޒާ އާއި ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނު މީހުން މާޔޫސްވެގެން އެހެން ތަނަކަށް ހިޖުރަކުރަން މަޖުބޫރު ކުރުވުމުގެ ގޮތުން ޔޫއެންއާރުޑަބްލިއުއޭ ނައްތާލަން ކަމަށް ޔޫއެންއާރުޑަބްލިއުއޭގެ ކާޑު އޮންނަ އަދި ހުޅަނގު އައްސޭރީގެ މަދަނީ ޖަމިއްޔާއެއްގެ އެކްޓިވިސްޓެއް ކަމަށްވާ ޒައިދު އަމާލީ ބުންޏެވެ.

އޭނާ ބުނީ އިޒްރޭލުން ޔޫއެންއާރުޑަބްލިއުއޭއަށް އަމާޒުކޮށްގެން އެޅި ފިޔަވަޅަކީ ފަލަސްތީނުގެ އިތުރު މީހުން އެމީހުންގެ ބިމުން ގެދޮރު ގެއްލުވާލުމުގެ މުޅި އަމާޒަށް ވާސިލްވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

"އިޒްޒްރޭލުން ޔޫއެންއާރުޑަބްލިއުއޭއަށް އަމާޒުކުރަނީ ފަލަސްތީނުގެ އިތުރު މީހުން އެމީހުންގެ ބިމުން ގެދޮރު ގެއްލުވާލުމަށް"

މިދިޔަ ޑިސެމްބަރު މަހު އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަނގުރާމައަށްފަހު ގާޒާއިން ޔޫއެންއާރުޑަބްލިއުއޭ ވަކިކުރަން އިޒްރޭލުގެ ސަރުކާރުން ވިސްނަނީ އެ އެޖެންސީގެ ހަރަކާތްތައް ހަމާސްއާ ގުޅިފައިވާކަމަށް ބުނެއެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ހަރުކަށި ފިކުރުގެ ވަޒީރުން ވަނީ ގުދުސްގައި ބޭއްވި ކޮންފަރެންސެއްގައި ގާޒާއިން ފަލަސްތީނު މީހުން ނައްތާލަން އުޅޭކަން ކަށަވަރުކޮށްދީފައެވެ. ގާޒާގައި ދިރިއުޅޭ ފަލަސްތީނު ރައްޔިތުން އަމިއްލަ އިހްތިޔާރުގައި ހިޖުރަކުރުމަށާއި، އިޒްރޭލުން ގާޒާގައި ގަވާއިދާ ހިލާފަށް ޔަހޫދީ އާބާދީތައް އަލުން ގާއިމުކުރުމަށް ގައުމީ ސަލާމަތާބެހޭ ވަޒީރު އިޓަމާރު ބެން-ގްވީރު ވަނީ ގޮވާލާފައެވެ.

އައިސީޖޭއިން ބުނާ ގޮތުގައި އިޒްރޭލުގެ ހަމަނުޖެހުންތަކުން ސަލާމަތްވާން ގާޒާގައި ތިބި ފަލަސްތީނު މީހުން ބޭނުންވި ނަމަވެސް، ގިނަ ބަޔަކަށް މިސްރަށް އެތެރެނުވެވޭނެއެވެ. ގާޒާގެ ރައްޔިތުން ދާއިމީ ގޮތެއްގައި ހިޖުރަކުރުމުގެ ފުރުސަތު އޮތް އެއްވެސް ފިޔަވަޅަކަށް މިސްރުން ތާއީދު ނުކުރާނެ ކަމަށް މިސްރުން ވަނީ ބުނެފައެވެ.

ފަލަސްތީނުން ފިލަން ފަސްޖެހުމާއި ފަލަސްތީނު ދޫކޮށް ދާން ބޭނުން ނުވާއިރު، ޔޫއެންއާރްޑަބްލިއުއޭއަށް ދޭ ފައިސާ ކަނޑާލުމާ ގުޅިގެން ގާޒާގައި ބަނޑުހައިހޫނުކަމާއި ބަލިމަޑުކަން އިތުރަށް ގޯސްވެދާނެ ކަމަށް ތަޖުރިބާކާރުން ބުނެއެވެ. ގާޒާގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި މީހުން ނުވަތަ 577،000 މީހުން ބަނޑުހައިހޫނުކަމާ ކުރިމަތިލާން ޖެހިފައިވާކަމަށް އދއިން ދާދިފަހުން ނެރުނު ރިޕޯޓަކުން ދައްކައެވެ.

ލޯޒް ވިދާޅުވީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި ޔޫއެންއާރްޑަބްލިއުއޭއަށް ދޭ ފައިސާ ސަސްޕެންޑްކޮށް އިޒްރޭލުން ފަލަސްތީނު މީހުން މެރުމަށް ދުނިޔޭގެ މުޖުތަމައުން ސީދާ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

"އެމީހުން ގާޒާގެ އެންމެން މަރުވާން ދޫކޮށްލާނެ." ލޯޒް ވިދާޅުވީ ގާޒާގެ ރައްޔިތުން އިޒްރޭލުގެ ބަޑީގެ ހަމަލާތަކާއި ބޮމުގެ ހަމަލާތަކުން މަރުނުވެއްޖެނަމަ އެމީހުން މަރުވާނީ ބަނޑުހައިހޫނުކަމުގެ ސަބަބުންނެވެ.