ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް ލޯނެއް ނަގައިގެން ނަމަވެސް، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ހަމަޖައްސަވާނެ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން މިއަދު ވަނީ، އާންމުންގެ ސުވާލުތަކަށް ރައީސް ސީދާ ޖަވާބުދެއްވުމުގެ ގޮތުން 'ރައީސްގެ ޖަވާބު'ގެ ނަމުގައި ސިލްސިލާ އެއް ފަށައިފައެވެ. އެ އޮފީހުން ބުނީ، ރައީސަށް ރައްޔިތުން ހުށަހަޅާ ސުވާލުތަކަށް މިއަދުން ފެށިގެން ކޮންމެ ދުވަހަކު ވެސް ވަގުތުވީ މިންވަރަކުން ރައީސް ޖަވާބުދެއްވާނެ ކަމަށެވެ.

ވީޑިއޯ މެދުވެރިކޮށް އާންމުން ކުރާ ސުވާލަށް ރައީސް ދެއްވާ ޖަވާބު، ރައީސް އޮފީހުގެ ރަސްމީ މީސްމީޑިއާ އެކައުންޓުތަކުން ކޮންމެ ދުވަހަކު ވެސް އާންމުކުރާނެ ކަމަށް، އެ އޮފީހުން މައުލޫމާތު ދެއެވެ.

މި ސިލްސިލާގެ ދަށުން ރައީސް ފުރަތަމަ ޖަވާބުދެއްވީ، މަސްވެރިން ބާނާ މަހަށް ފައިސާ ދިނުމާ ގުޅޭގޮތުން ހދ. ނޮލިވަރަންފަރުގެ މަސްވެރިއެއްކަމަށްވާ އަބްދުލްޣަނީ ކުރި ސުވާލަށެވެ.

ރައީސް ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ދޭން ޖެހޭ 250 މިލިއަނެއްހާ ރުފިޔާ ނުދީ އޮތް ކަމަށާއި، އެމަނިކުފާނު ސަރުކާރާ ހަވާލުވެވަޑައިގަތުމަށް ފަހު ދެ ފަހަރެއްގެ މަތިން 200 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާ ކަމަށެވެ. އެކަމަކު އަދިވެސް މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދެވި ހުރިކަން ފާހަގަކުރެއްވިއެވެ.

އެހެންކަމުން ވީހާ ވެސް އަވަހަކަށް އެ ފައިސާ މަސްވެރިންނަށް ދޭން ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވެ ރައީސް ވަނީ، މަސްވެރިންނަށް ބޮޑެތި އަދަދުތަކުން ފައިސާ ނުދެވި ގިނަ ދުވަސް ހޭދަވާން ނުޖެހޭ ގޮތަކަށް ކަންކަން އިންތިޒާމުވެގެން ދާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.