ދިވެހިރާއްޖެއަށް މި ވަގުތަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ކަންކަމުގައި ޕާކިސްތާނުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އަންވާރުލް ހައްގު ކަކަރް ދެއްވައިފިއެވެ.

މި ޔަގީންކަން ފާކިސްތާންގެ ބޮޑުވަޒީރު ދެއްވާފައި ވަނީ މިއަދު ހެނދުނު ރައީސް މުއިއްޒުއަށް ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާގައެވެ. އެ މަޝްވަރާގައި ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.

އޭގެ ތެރޭގައި ރާއްޖެއިން އެންމެ އިސްކަންދޭ ކަންކަމާއި، ބައިނަލްއަގްވަމީ މަސްރަހުގައި ދެ ގައުމުން އިސްކަންދޭ މައްސަލަތަކުގައި އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުންވެސް ވާހަކަފުޅު ދެއްކެވިއެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ. އެފަދަ ކަންކަމުގައި ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާއެކު ސިޔާސީ ގުޅުން ގާއިމްކޮށްފައި ވަނީ ޖުލައި 26، 1966 ގައެވެ.