މިއަދު ހެނދުނު ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްއަށް ދިން ހަމަލާ ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސަރުކާރުން ބުނީ ޓެރަރިސްޓް އަދި އަނިޔާވެރި މިފަދަ އަމަލުތައް ހިންގާ ކޮންމެ މީހަކު އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަރުކާރުގެ ހުރިހާ ވަސީލަތަކާ އިހްތިޔާރެއް ބޭނުންކޮށްގެން ހަލުވިކަމާއެކު މަސައްކަތްކުރަމުން ދާނެ ކަމަށެވެ. އަދި މިފަދަ ނުރައްކާތެރި ޖަރީމާތައް ތަކުރާރުވިޔަ ނުދިނުމަށް ސަލާމަތީ ބާރުތަކުން އަބަދުވެސް ފާރަވެރިވަމުން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން ބުނީ ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ހިދުމަތްތެރީންގެ ރައްކާތެރިކަމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރާނެ ކަމަށެވެ. އަދި އަބަދުވެސް މަސައްކަތްކުރާނީ ގައުމުގެ އަމާންކަމާ ސަލާމަތްކަން ދެމެހެއްޓުމަށް ކަމަށާއި ޓެރަރިސްޓް ހަރަކާތްތަކަށް އެއްވެސް ޖާގައެއް ނުދިނުމަށް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން އިތުރަށް ބުނީ ޝަމީމް ފަރުވާއަށްފަހު ރަސްމީ މަސައްކަތްތަކަށް ވަރަށް އަވަހަށް ނުކުމެވަޑައިގެންނެވޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ މިއަދު ހެނދުނު ހަމަލާއެއް ދީފައިވާ ކަަމަށާއި އެކަމުގެ ސަބަބުން ވައަތުގައި ރެނދެއް ލާފައިވާ ކަމަށެވެ. އަދި މިހާރު ހުންނެވީ އާއިލާއާއެކު ގޭގައި ކަމަށް ވެސް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ޝަމީމް ވިދާޅުވީ މަސައްކަތާއި ދުވުމާއި ބައިސްކަލު ދުއްވުން އަދި ފެތުމަށް ދެން އެނބުރި ވަޑައިގަންނަވާނީ މާ ވަރުގަދަކޮށް ކަމަށެވެެ.

ޕީޖީއިން ބުނީ ހަމަލާދީފައި ވަނީ ސައިކަލެއްގައި އައި ދެ މީހަކު، ހަތިޔާރެއް ބޭނުންކޮށްގެން ކަމަށާއި އެ ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އިން ޝަމީމްގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށެވެ.

ފުލުހުން އެ މައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން ގެންދާއިރު މިއަދު ހެނދުނު ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވަނީ ޝަމީމްގެ ހާލު ބައްލަވައިލެއްވުމަށް އޭޑީކޭ ހޮސްޕިޓަލަށް ވަޑައިގެންފައެވެ.

އެ މައްސަލަ ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުރިހަމައަށް ތަހުގީގުކޮށް އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި އެ ތަހުގީގު ނިންމާކަން ކަށަވަރު ކުރުމަށްޓަކައި އެ މައްސަލަ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅުއްވައި ދެއްވުން އެދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނދު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.