ހުސްވި 2023 ވަނަ އަހަރު އެސްޓީއޯގެ އާމްދަނީ ދަށް ނަމަވެސް އެހެން ވިޔަފާރިތަކުން ލިބުނު އާމްދަނީ ރަނގަޅުވެފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ ހުސްވި އަހަރުގެ ފަހު ކުއާޓާ ރިޕޯޓުން ދައްކާ ގޮތުގައި ނިމިދިޔަ 2023 ވަނަ އަހަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި 16.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. 2022 ވަނަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 18.2 ބިލިއަން ރުފިޔާއެވެ. އެހެން ކަމުން އެ އަހަރާ އަޅާބަލާއިރު މިއީ 10 ޕަސެންޓުގެ ދަށްވުމެކެވެ.
އާމްދަނީ ދަށްވެފައި ވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލުގެ ސަބަބުން ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގު ދަށްކުރުމާ އެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވުން ކަމަށް އެސްޓީއޯއިން ބުނެއެވެ. އެއާ ހިލާފަށް ކުންފުނިން ވިކުނު ތެލުގެ އަދަދު އިތުރުވުމުގެ އިތުރުން ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ރަނގަޅުވުމާ އެކު، ޖުމްލަ ފައިދާގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
އަދި ކުންފުނި އިތުރަށްހަރުދަނާ ކުރުމުގެ އެކިއެކި މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެގޮތުން ކުންފުނީގެ މަސައްކަތުގެ ތެރެއިން ކުންފުނީގެ އެސެޓްތަކުގެ އަގުމަގު ކުރުމުގެ ގޮތުން މިހާރުގެ އަގަށް އަގުކުރުމަށް ފަހު އެސެޓްތަކުގެ އަގު ބަދަލުކޮށްފައިވާ ކަމަށް ވެސް ވެއެވެ.
މީގެ އިތުރުންވެސް ތެލުގެ ބާޒާރުގައި އަންނަ ބަދަލުތަކާއި އެކު ތެލުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމުގެ ގޮތުންނާއި ފިއުލް ސަޕްލައިސް މޯލްޑިވްސް ގެ ވިޔަފާރި ކުރިއެރުވުމުގެ ގޮތުން ވިކުނު ތެލުގެ އަދަށް ރިބޭޓްތައް ފޯރުކޮށްދީފައިވާ ކަމަށް ވެއެވެ.
އަދި ހަމައެހެންމެ ކުންފުނީގެ އިމްޕެއާމަންޓް ކޮސްޓާއި، ޕްރޮވިޝަންސް އަދި ހިންގުމުގެ ހަރަދު ނިސްބަތުން އިތުރުވީ ނަމަވެސް ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު މިއަހަރުގެ ހިންގުމުގެ ފައިދާގެ ގޮތުގައި 1.3 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯން ބުނެއެވެ. އަދި މިއީ ކުރީ އަހަރާ އަޅާބަލާއިރު 23 ޕަސެންޓުގެ ކުރިއެރުމެއް ކަމަށް ވެއެވެ.
އަދި ޖުމްލަ އަދަދުން ޓެކްސްއަށް ކެނޑުމުގެ ކުރިން މިއަހަރުގެ ސާފު ފައިދާއަކީ 995 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ވެއެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.