ރަށްރަށުގެ ކަރަންޓުގެ ހިދުމަތްދޭ ފެނަކައަށް ފަންނީ އެހީތެރިކަން ދިނުމުގެ އެއްބަސްވުމުގައި ސްޓެލްކޯއާއެކު ސޮއިކޮށްފި އެވެ.

މިއަދު ވެވުނު އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން ފަހުމީ އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ކޮށްދޭ ގިނަ ކަންކަން ވެގެންދާނީ އަގަކާ ނުލާ، ރައްޔިތުންނަށް ދެ ކުންފުނިން ދޭ ހިދުމަތުގެ ފެންވަރުގެ މަތި ކުރުމުގެ މަގްސަދުގައި ކޮށްދޭ ކަންތައްތަކެއް ކަމަށެވެ.

އަދި ފެނަކަ މިހާރު އޮތް ހާލަތުން އަރައިގަންނަން ޖެހޭކަން ފާހަގަކުރައްވާ ފަހުމީ އިތުރަށް ވިދާޅުވީ، މި ވެވުނު އެއްބަސްވުމުގެ ދަށުން އެކި ދާއިރާތަކުން ފެނަކައިގެ މުވައްޒަފުންގެ ހުނަރު ތަރައްގީކުރުމަށްވެސް ސްޓެލްކޯއިން އެހީވެދޭނެ ކަމަށެވެ.

"މީގެ ދަށުން އަޅުގަނޑުމެން ފެނަކައިގެ މުވައްޒަފުންނަށް މެކޭނިކަލް އިންޖިނިއަރިންގް ރޮގުންނާ އިލެކްޓްރިކަލް އިންޖިނިއަރިންގެ ރޮގުން އަޅުގަނޑުމެން ތަމްރީނުދޭނަން، އަޅުގަނޑުމެންގެ ފެސިލިޓީސްތަކުގަޔާ އަދި ފެނަކައިގެ އިންޖީނުގެތަކުގަވެސް"، ފަހުމީ ވިދާޅުވިއެވެ.

މިހާރުވެސް ފެނަކައިގައި ޓެކްނިކަލް ކެޕޭސިޓީ ހުރިކަމަށް ގަބޫލުކުރައްވާ ކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ މިފަދަ ތަމްރީނުތަކެއްގެ ނަތީޖާއެއްގެ ގޮތުން ދެ ކުންފުނިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތް އިތުރަށް ފުޅާވެ، ދެވޭ ހިދުމަތަށް ރައްޔިތުންގެ ޔަގީންކަން އިތުރުވެގެންދާނެ ކަމަށެވެ.

ސްޓެލްކޯއިން މީގެ ކުރިން ވެސް ފެނަކައަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. ނަމަވެސް މިއަދު ސޮއިކުރި މި އެއްބަސްވުމަކީ ފެނަކައިންދޭ އެހީ، އިތުރަށް ފުރިހަމައަށް ސިސްޓެމެޓިކްކޮށް ފޯރުކޮށްދިނުމަށް ވި އެއްބަސްވުމެއްކަން ފާހަގަކޮށްލެވެއެވެ.