ރާއްޖޭގެ ސަގާފީ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކޮންޒަވޭޝަން ލެބޯޓްރީއެއް ގާއިމުކުރުމާ ބެހޭ ގޮތުން ދިވެހި ބަހުގެ މިނިސްޓަރާއި ޗައިނާގެ ސަފީރާ މަޝްވަރާ ކުރައްވައިފިއެވެ.
ދިވެހި ބަހުގެ މިނިސްޓްރީން ބުނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ބަދަހިވި ގުޅުމާއެކު ޗައިނާ އިން ވަނީ ރާއްޖެއަށް ސަގާފީ ގޮތުން ވެސް އިތުރު އެހީތެރިކަން ފޯރުކޮށްދޭން ޝައުގުވެރިކަން ފާޅުކޮށްފައި ކަމަށެވެ. ޗައިނާގެ ސަފީރު ވަން ލީ ޝިން ދިވެހި ބަހުގެ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމްގެ އަރިހަށް ކުރެއްވި އިހްތިރާމުގެ ޒިޔާރަތުގައި ދެ ގައުމުގެ ބަދަހި ގުޅުމުގެ ތެރެއިން ސަގާފީ ގޮތުން ދެފަރާތުން ހިއްސާކުރެވިދާނެ ކަންކަމާ މެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
އެގޮތުން ރާއްޖެއަށް ބޭނުންވާ ބައެއް އެހީތެރިކަމާ މެދު ވެސް އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ. ދިވެހި ބަހާ ބެހޭ މިނިސްޓްރީން ބުނީ، ރާއްޖޭގެ އެވޭލާ ތަރިކައިގެ ތެރޭގައި ހިމެނޭ ބައެއް ތަކެތި ހަލާކުވަމުން ދާ އިރު، ކަމާ ބެހޭ ލެބޯޓަރީއެއް ނެތުމުގެ ސަބަބުން އެ ތަކެއްޗަށް ދޭން ޖެހޭ އިލްމީ ފަރުވާ ރާއްޖޭން ދެވެން ނެތުމުގެ ދަތިކަން ފާހަގަ ކުރެއްވިއެވެ. އެ ކަމާ ގުޅިގެން އެ ފަދަ ލެބޯޓްރީއެއް ގާއިމު ކުރުމަށްޓަކައި ބޭނުންވާ ލިޔެކިޔުމުގެ މަސައްކަތް ހުށަހެޅުމަށް ވިދާޅުވެ ޗައިނާ ސަފީރު އެ ކަމަށް މަރުހަބާ ވިދާޅުވި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މި ބައްދަލު ކުރެއްވުމުގައި ޗައިނާ އާދެމެދު ފަހުމުނާމާއެއް އެކުލަވައިލައި، ދެ ގައުމުގެ ކަލާސިކީ ލިޔުންތައް ތަރުޖަމާކޮށް ޗާޕުކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކޮށްފައި ވެއެވެ. މި ބައްދަލުވުމުގައި ދާރުލްއާސާރުގެ އިމާރާތް މަރާމާތުކުރުމާއި އާސާރު ތަރައްގީ ކުރުމާ ބެހޭ ކަންކަމުގައި ޗައިނާ އިން ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.
އެ މަޝްވަރާގައި އާދަމް ނަސީރުގެ ވާހަކައިގައި ވަނީ ރައީސް ޑރ. މުއިއްޒުގެ ސަގާފީ ތަރިކައާ ބެހޭ ތަސައްވުރުގެ ހޭލުންތެރިކަމާ އެކު ދާރުލްއާސާރަށް ޒިޔާރަތް ކުރާ ސްކޫލް ދަރިވަރުންނަށް އާންމުން އިތުރުވަމުންދާ ކަން ފާހަގަ ކުރެވޭ ކަމަށް ވިދާޅުވެފައެވެ. މި ބައްދަލުވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވެސް ދެ ގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން ވެސް މިނިސްޓަރު ވާހަކަ ދެއްކެވިއެވެ.