ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އައްޔަނުކުރެއްވި ވަޒީރުންނަށް ރުހުންދިނުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވެ، މިއަދު ވޯޓަށް އަހާ ވަގުތު ވަޒީރުންނަށް ރުހުންދިނުމަށް ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ގޮވާލައްވައިފިއެވެ.

ދައުރުން ބޭރުން ބާއްވާ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ތާވަލުކޮށްފައި އޮތީ ވަޒީރުންނަށް ރުހުންދިނުމާ މެދު ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކޮށް އެ ރިޕޯޓާ މެދު ގޮތެއް ކަނޑައެޅުމެވެ؛ އެއީ ވަޒީރުންނަށް ތަޅުމުން ރުހުންދިނުމެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓުން ވަނީ ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމައިފައެވެ.

މިއަދުގެ ޖަލްސާގައި ކޮމިޓީގެ ރިޕޯޓަށް ބަހުސްކުރައްވަމުން ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވިދާޅުވީ، ރައީސް މަޖިލީހަށް ފޮނުއްވާފައި ވަނީ ގާނޫނުގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ވަޒީރުންނަށް ރުހުންދިނުމަށް ކަމަށާއި، މަޖިލީހުގެ ކޮމިޓީން ވަނީ ހުރިހާ ވަޒީރުންގެ ޝަރުތުތައް ހަމަވާ ކަމަށް ކަނޑައަޅާފައި ކަމަށެވެ. އެހެންކަމުން އިިދިކޮޅުން ވެސް ޕްރޮފެޝަނަލްކޮށް ގޮތެއް ނިންމާނަމަ ވަޒީރުންނަށް ރުހުންދޭން ނިންމުމަށް އޭނާ އެދިވަޑައިގަތެވެ.

މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ފާހަގަކުރެއްވި ގޮތުގައި 2008 ވަނަ އަހަރު ތަސްދީގުކުރި ފެހި ގާނޫނުއަސާސީގެ ދަށުން އިންތިހާބުވީ ހުރިހާ ރައީސުން ވެސް އައްޔަނުކުރެއްވި ވަޒީރުންނަށް، އެ އިރެއްގައި އޮންނަ މަޖިލީހަކުން ރުހުންދީފައިވެއެވެ. އޭނާ ވިދާޅުވީ، ވަޒީރުން ކަނޑައެޅުމުގެ ބާރު ރައްޔިތުން ހޮވާ ރައީސަށް ގާނޫނުއަސާސީން ފުރިހަމައަށް ދީފައިވާ ކަމަށާއި، މަޖިލީހުން ރުހުންދޭން ޖެހޭ ކަމަށް އޮންނަނީ ވަޒީރުން ކުރާ މަސައްކަތްތަކަށް ފާރަވެރިވުމުގެ ގޮތުން ކަމަށެވެ.

"ހުރިހާ ވަޒީރުންނަށް ކޮންމެ ފަހަރަކު ރިޔާސީ އިންތިހާބު ނިމިގެން އެކަށައަޅުއްވާ ވަޒީރުންނަށް އޮތީ މިތަނުން ރުހުންދީފަ،" ތޯރިގު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ބައެއް ވަޒީރުންނާ މެދު ތަފާތުކުރުމަކީ ގާނޫނު ދަންނަ ކަމެއްނޫނެވެ. އަދި ތަސައްރަފު ފުދިފައިވާ ބައެއް ކުރާނެ ކަމެއް ވެސް ނޫނެވެ.

ކޮމިޓީން ނިންމި ނިންމުމާ އެއްގޮތަށް ވަޒީރުންނަށް ރުހުންދޭން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ގޮވާލައްވައި ވިދާޅުވީ، މީގެ ކުރިން ސިޔާސީ މަސްރަހުގައި ކަންކަން ހިނގޮގޮތަށް ބަލާއިރު، ގައުމާ މެދު ނުވިސްނާ ގޮތްތަކެއް ނިންމައިފި ނަމަ، ގައުމުގެ މުސްތަގުބަލު ބަނަވެގެން ދާނެ ކަމަށެވެ.

ނަސީމް ވިދާޅުވީ، ކޮމިޓީން ނިންމި ނިންމުމަށް މެންބަރުން އިހްތިރާމުކުރައްވަން ޖެހޭނެ ކަމަށެވެ.

"ވަޒީރުންނަށް ރުހުން ނުދެއްވުމަށް ބައެއް އިއްޒަތްތެރި މެންބަރުން އެ ވަކާލާތުކުރައްވަމުން ގެންދަވާއިރު އަޅުގަނޑު ހިތަށް އަރަނީ ރުހުން ނުދެއްވަން މިއަދު އޮތީ ކޮން ހުއްޖަތެއްތޯއޭ؟ ގާނޫނީގޮތުން ބެލިކަމުގައިވީ ނަމަވެސް އެއްވެސް މައްސަލައެއް ނެތް، އިންސާފުގެ މަގުން ބެއްލެވި ނަމަވެސް އެއްވެސް މައްސަލައެއް ނެތް، ޑިމޮކްރެސީގެ ހަމަތަކުން ބެއްލެވިކަމުގައި ވިޔަސް އެއްވެސް މައްސަލައެއް ނެތް، ޕްރޮފެޝަނަލް މިންގަނޑުން ބެއްލެވިކަމުގައި ވިޔަސް އެއްވެސް މައްސަލައެއް ނެތް،" އޭނާ ވިދާޅުވިއެވެ.

"ދެން ކީއްވެތޯ ރުހުން ނުދެއްވަންވީ؟ ކޮބައިތޯ މައްސަލައަކީ؟"