2006 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކިޑްނީ ފެއިލްވެ، މިއަދާ ހަމައަށްވެސް ކޮންމެ ހަފްތާއަކު ތިން ދުވަހު ޑައިލެސިސް ހަދަމުން އައި ރ. އަނގޮޅިތީމަށް އުފަން އުމުރުން 39 އަހަރުގެ ފާތިމަތު ރަޝީދާ (ފާތުން) ނިޔާވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފާތުން ނިޔާވީ މިރޭ އިރުއޮއްސުނު ފަހުންނެވެ. އޭނާ ނިޔާވި އިރު އިނީ މާލޭގައެވެ.

އުމުރުން 18 އަހަރުގައި ޒަވާޖީ ހަޔާތެއް ފަށައި ފިރިމީހާގެ އާއިލާއެކު ފާތުން އުޅެމުން އައީ މާލޭގައެވެ. އެ ކައިވެންޏަށް މާ ގިނަ ދުވަސްތަކެއް ނުވެ ދަރިއަކު ލިބުނުއިރު އެ ދަރިފުޅަށް 2 އަހަރުގައި ފާތުންގެ ކިޑްނީ ފެއިލްވެ އެ ބައްޔަށް އައީ ފަރުވާ ކުރަމުންނެވެ. އޭނާގެ ކިޑްނީ ފެއިލް ވެފައިވާ ކަން އެނގުނީ އޭނާގެ އުމުރުން 21 އަހަރުގައި ހެދި ޓެސްޓުތަކަކުންނެވެ.

އެ ބަލީގައި ފާތުން ނިޔާވުވާ ހަމައަށް ވެސް އުންމީދު ކަނޑައެއް ނުލައެވެ. ކިޑްނީ ފެއިލްވި ކަމުގައި ވިޔަސް އޭނާ ދިޔައީ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރަމުންނެވެ. އަދި ރަނގަޅު ކިޑްނީއަކާއެކު ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ ފާތުން އަބަދުވެސް އެންމެ ދެކެން ބޭނުންވި ދުވަސް ކަމަށް ވަނީ ބުނެފައެވެ.

ފާތުން ނިޔާވުމާ ގުޅިގެން އޭނާގެ އާއިލާ އަށް ލިބިފައިވާ ހިތާމައިގައި "ދަ ޕްރެސް" އާއި "ދަ ޕްރެސް" ގެ މުވައްޒަފުން ބައިވެރިވެ، ތައުޒިޔާ ދަންނަވަމެވެ. އަދި މަރުހޫމާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވުމަށާއި އާއިލާ އަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރަމެވެ.